ޚަބަރު

ބ. ކެންދޫގައި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިނިސްޓަރ ޠާރިޤް އިބްރާހީމް ފައްޓަވައިދެއްވައިފި

25 ޑިސެމްބަރ 2017

މިނިސްޓަރ އަލްފާޟިލް ޠާރިޤް އިބްރާހީމް ބ. ކެންދޫގައި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ހާޒިރުގައި އެ މަނިކުފާނު މި މަސައްކަތް ފައްޓަވައިދެއްވީ އެކަމަށްޓަކައި ބ. ކެންދޫގައި މިއަދު ބޭއްވި ވަރަށް ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ބ. ކެންދޫގައި އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ، މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 24 އޯގަސްޓް 2017 ގައެވެ. މި މަޝްރޫޢުއަކީ އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނު އެހީއާއި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ ) 4,949,119.26ހަތަރު މިލިއަން ނުވަސަތޭކަ ސާޅީސްނުވަހާސް އެއްސަތޭކަ ނަވާރަ ރުފިޔާ ސައްބީސްލާރި) ދިވެހި ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން ބ. ކެންދޫގައި ބެހެއްޓޭ 2 އާރް.އޯ ޕްލާންޓުން ދުވާލަކު 30 ޓަނުގެ ފެން އުފެއްދޭނެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ކެންދޫގައި 50 ޓަނުގެ ސްޓޯރޭޖް ޓޭންކް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.