ޚަބަރު

“އެއްފަހަރު ބޭނުންކޮށްފަ އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން މަދުކުރަންޖެހޭ”- މިނިސްޓަރ ޠާރިޤް އިބްރާހީމް

5 ޖޫން 2018

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން މަދުކުރަންޖެހޭ ކަމަށް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވީ ޕްލާސްޓިކް ގެ ސަބަބުން ތިމާވެއްޓަށް ނުހަނު ނޭދެވޭ އަސަރު ކުރާކަމަށާއި އެހެންކަމުން ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ފޮޓޯ މުބާރާތެއް ވަނީ ހުޅުވާލާފައެވެ. މި ފޮޓޯ މުބާރާތަކީ ތިމާވެށީގެ މައްސަލަތަކަށް ޢާއްމުން ހޭލުންތެރިކުރުމަށް ހުޅުވާލި މުބާރާތެކެވެ. އެގޮތުން ތިމާވެއްޓާއި ގުޅޭ ފޮޓޯތައް މި މުބާރާތަށް ހުށަހެޅޭނެއެވެ. މި މުބާރާތަށް ފޮޓޯ ހުށަހެޅުމުގެ ފަހު ތާރީޚަކީ 31 ޖުލައި 2018 އެވެ.

މީގެ އިތުރުންވެސް ބ. އަތޮޅާއި ގުޅޭ މަޢުލޫމާތު ހޯދުމުގެ ގޮތުން ސާރވޭއެއްވެސް މި ރަސްމިއްޔާތުގައި ވަނީ ލޯންޗުކޮށްފައެވެ. މި ސާރވޭގެ ބޭނުމަކީ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާރވް ގެ މަސައްކަތްތަކާއި ބ. އަތޮޅުގެ މަޢުލޫމާތު ހިމެނޭގޮތަށް މިނިސްޓްރީއިން ތައްޔާރުކުރާ ފޮތަށް ބޭނުންވާ މަޢުލޫމާތު ހޯދުމެވެ. މި ފޮތް އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ކިޔަވާކުދިންނަށާއި ދިރާސާކުރާ ފަރާތްތަކަށްވެސް ބަޔޮސްފިއަރ ރިޒާރވް ގެ މަސައްކަތްތަކާއި ބ. އަތޮޅުގެ ހުރިހާ މަޢުލޫމާތެއް ފޯރުކޮށްދިނުމެވެ.

އަދި ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ކުރެހުންތައްވެސް މި ރަސްމިއްޔާތުގައި ވަނީ ދައްކާފައެވެ.