ޚަބަރު

ށ. ބިލެތްފަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

2 ޖުލައި 2018

ށ. ބިލެތްފަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.

ކެޕިޓަލް އިންވެސްޓްމެންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 13 ސެޕްޓެމްބަރ 2015 ގައެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމާފައި ވަނީ 10 ޑިސެމްބަރ 2016 ގައެވެ.

މި މަޝްރޫޢުއަށް ޖުމްލަ 15,247,932.76 (ފަނަރަ މިލިއަން، ދުއިސައްތަ ސާޅީސް ހަތް ހާސް، ނުވަސަތޭކް ތިރީސް ދެ ރުފިޔާ، ހަތްދިހަ ހަ ލާރި) ދިވެހި ރުފިޔާ ސަރުކާރުގެ ބަޖެޓުން ވަނީ ޚަރަދުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން، ބިލެތްފަހި ގިރާ ސަރަޙައްދަށް 25,738 ކޮޑިމީޓަރ ވެލިއަޅައި 520 މީޓަރ ދިގުމިނުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖަހާ، މި ސަރަޙައްދު ވަނީ ހިމާޔަތްކޮށްފައެވެ.

ފާއިތުވީ ތިން އަހަރުގެ ތެރޭގައި މިސަރުކާރުންވަނީ 1.34 ބިލިއަން ރުފިޔާ ޚަރަދުކޮށް، ޖުމްލަ 32 ރަށެއްގައި 31 ކިލޯމީޓަރުގެ ގޮނޑުދޮށް އެކަށޭނެ އަދި ދެމެހެއްޓެނެވި ގޮތެއްގައި ހިމާޔަތްކޮށްފައެވެ.