ޚަބަރު

ނިލަންދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

11 ޖުލައި 2018

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލް.ސީ.އީ.އައި) މަޝްރޫޢުގެ ފަރާތުން އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް ގއ. ނިލަންދޫގައި ބާއްވައިފިއެވެ. 11 ޖުލައިގައި ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި ނިލަންދޫ ސްކޫލްގެ ގްރޭޑް 8، 9 އަދި 10 ގައި ތަޢުލީމް ހާސިލް ކުރަމުންދާ 34 ދަރިވަރުން ބައިވެރިވިއެވެ.

ނިލަންދޫ ސްކޫލުގެ ދަރިވަރުންނަށް ހިންގި މަސައްކަތު ބައްދަލުވުންތައް އިފްތިތާޙް ކޮށްދެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ޚަދީޖާ އިބްރާޙީމެވެ.

މި މަސައްކަތު ބައްދަލުވުމުގައި ހަކަތަ އިގްތިސާދު ކުރުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. ދަރިވަރުންނަށް ޙިއްސާކުރެވުނު މަޢުލޫމާތު ތެރޭގައި ކަރަންޓު އާލާތްތަކުގައި ހުންނަ ކަރަންޓް ނޭމްޕްލޭޓްގައިވާ މަޢުލޫމާތު ދެނެގަންނާނެ ގޮތާއި ކަރަންޓް ބިލުގައިވާ މަޢުލޫމާތު ދެނެގަންނާނެ ގޮތުގެ މަޢުލޫމާތު ހިމެނެއެވެ. މި މަސައްކަތު ބައްދަލުވުމުގައި ދަރިވަރުންނަށް މައުލޫމާތުދެއްވީ މި މިނިސްޓްރީގެ އެލް.ސީ.އީ.އައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓާއި، ކްލައިމެޓް ޗޭންޖް ޑިޕަރޓްމަންޓާއި އެނަރޖީ ޑިޕަރޓްމަންޓްގެ ބޭފުޅުންނެވެ.

މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓިފިކެޓް ބައްސަވައިދެއްވީ ގއ. ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ނާސިޙް އިބްރާހިމެވެ. ދަރިވަރުންނާއި މުޙާތަބުކޮށް ނާސިޙް ދެއްކެވި ވާހަކަފުޅުގައި، ރަށުގެ އެންމެންގެ ލާބައާއި މަންފާއަށްޓަކައި އެނަރޖީ އެފިޝަންސީއާއި ބެހޭގޮތުން ދަރިވަރުނަނަށް ލިބުނު މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކޮށް، ރައްޔިތުން ހޭލުންތެރިކޮށްދިނުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގަތެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.