ޚަބަރު

ހދ. ނޮޅިވަރަމުގެ ނަރުދަމާ ނިޒާމު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

17 ޖުލައި 2018

ހދ. ނޮޅިވަރަމުގެ ނަރުދަމާ ނިޒާމު މިއަދު އިފްތިތާޙްކޮށްފިއެވެ. އެ ރަށުގެ ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.

ހދ. ނޮޅިވަރަމުގައި ނަރުދަމާ ނިޒާމު ޤާއިމުކުމަށްޓަކައި ކޮންޓްރެކްޓް ކުރެވިފައިވަނީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 74,362,759.28 ދިވެހި ރުފިޔާއެވެ. ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 06 މެއި 2016 ގައެވެ. އަދި ހދ. ނޮޅިވަރަމުގައި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ނިންމާފައިވަނީ 30 އޭޕްރީލް 2017 އަށެވެ.

މި މަޝްރޫޢުއަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދެވިފައިވާ މަޝްރޫޢެއްކަމުން، މި މަޝްރޫޢު އެމް.ޑަބްލިއު.އެސް.ސީއާއި ޙަވާލުކުރުމާއި އެކު އެ ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީ.އައި.އޭ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގައި 5 ޕަމްޕް ސްޓޭޝަން ބަހައްޓައި 12 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ރަށުގެ 404 ގެއަށް ވަނީ މި ޚިދުމަތް ދެވިފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 260 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ. މިގޮތުން މި ނިޒާމު ހިންގާ ބެލެހެއްޓުން ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.