ޚަބަރު

ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވައިފި

17 ޖުލައި 2018

ހއ. ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން މިއަދު ފާހަގަކޮށްފިއެވެ. އެ ރަށުގައި އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަކީ އޭގެ ސަބަބުން އެރަށްތަކުގައި ދިރިއުޅޭ އާބާދީއާއި، އާއްމު ފަރުދުންގެ މުދަލާއި ގޯތި ގެދޮރުގެ ރައްކާތެރިކަމަށް އަސަރުކުރާ ކަމެކެވެ. އަދި ދެމެހެއްޓެނެވި ތަރައްޤީއަށް ރާއްޖެ ކުރަމުން ގެންދާ މަސައްކަތަށް ކުރިމަތިވެފަވާ ނުހަނު ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، މި މައްސަލައަކީ މިސަރުކާރުގެ ފަރާތުން ޚާއްޞަ އަހައްމިޔަތުކަމެއް ދެމުންގެންދާ މައްސަލައެކެވެ. އަދި މިކަމުގައި އެދެވޭ ޙައްލެއް ހޯދުމަށް މިސަރުކާރުގެ ފަރާތުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

މިގޮތުން ހއ. ހޯރަފުއްޓަކީ ވެސް ޒަމާނުންސުރެ ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފަވާ ރަށެކެވެ. ޢާއްމު ރައްޔިތުންގެ ރައްކާތެރިކަމާ، ރަށުގެ ތިމާވެއްޓަށް މީގެ ސަބަބުން ލިބޭ ގެއްލުން ފާހަގަކޮށް، މިކަމަށް ފުރިހަމަ ޙައްލެއް ހޯދުމަށް މިސަރުކާރުގެ ފަރާތުންވަނީ އިސްކަން ދީފައެވެ. އަދި 2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައި، ހޯރަފުށީގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު ވަނީ ފަށާފައެވެ.

މި މަޝްރޫޢުއަށް ޖުމްލަ 20,961,265.09 ރުފިޔާ (ވިހި ހާސް، ނުވަ ސަތޭކަ ފަސްދޮޅަސް އެއް ހާސް، ދުއިސްތަ ފަސްދޮޅަސް ފަސް ރުފިޔާ ނުވަ ލާރި) ވަނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީއާއި ޙަވާލުކޮށް ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައި ވަނީ 09 އޮގަސްޓް 2015 ގައެވެ. އަދި 17 ސެޕްޓެމްބަރ 2017 ގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން، ހޯރަފުށީގެ ގިރާ ސަރަޙައްދަށް 14760 ކޮޑިމީޓަރަށް ވެލިއަޅައި، ރަށުގެ އިރު އުތުރު ފަރާތުން 570 މީޓަރު، ހުޅަނގު ދެކުނު ފަރާތުން 230 މީޓަރުގެ ސަރަޙައްދެއް އަދި ޕަމްޕް ސްޓޭޝަން 3 ކައިރިން 80 މީޓަރުގެ ގޮނޑުދޮށް ބޮޑު ހިލަ ޖަހައިގެން ވަނީ ހިމާޔަތްކޮށްފައެވެ.

ހޯރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންކޮށްފައިވާ ނިޒާމަކީ ރާއްޖޭގެ ޙާލަތަށް ބަލައި، ދިރާސާކޮށް، އެންމެ އެކަށޭނޭ ނިޒާމުކަން ފާހަގަ ކުރަމެވެ. ޝައްކެއްނެތް ގޮތުގާ މި މަޝްރޫޢުގެ ސަބަބުން ކުރިއަށް އޮތް މުސްތަޤުބަލުގައި ރަށުގެ ތަރައްޤީއަށް ނުހަނު ފައިދާ ކުރާނެއެވެ. އަދި ޢާއްމު ރައްޔިތުންގެ ޒަމާންވީ އުދާސްތަކަށް ނިމުމެއް އަންނާނެއެވެ. މީގެ އިތުރުން، މި މަޝްރޫޢުއަކީ މޫސުމަށް އަންނަ ބަދަލުތަކުން މިރަށާއި މިރަށުގެ ރައްޔިތުން ރައްކާތެރިކުރުމަށް އެޅޭ ނުހަނު މުހިއްމު ފިޔަވަޅެކެވެ.