ޚަބަރު

ހއ. އިހަވަންދޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

17 ޖުލައި 2018

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ހއ. އިހަވަންދޫގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ހއ. އިހަވަންދޫގެ ނަރުދަމާ ނިޒާމު ޤާއިމުކުމަށްޓަކައި ކޮންޓްރެކްޓް ކުރެވިފައިވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 62,806,797.77 ދިވެހި ރުފިޔާއެވެ. ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 17 މެއި 2016 ގައެވެ. އަދި އެ ރަށުގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ނިންމާފައިވަނީ 28 އޭޕްރީލް 2017 ގައެވެ.

މި މަޝްރޫޢުއަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދެވިފައިވާ މަޝްރޫޢެއްކަމުން، މި މަޝްރޫއު އެމް.ޑަބްލިއު.އެސް.ސީއާއި ހަވާލުކުރުމާއި އެކު އެ ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީ.އައި.އޭ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގައި 5 ޕަމްޕް ސްޓޭޝަން ބަހައްޓައި 13.58 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމުކުރެވިފައެވެ. އަދި އެ ރަށުގެ 482 ގެއަށް ވަނީ މި ޚިދުމަތް ދެވިފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 100 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ. މިގޮތުން މި ނިޒާމު ހިންގާ ބެލެހެއްޓުމަށް ފެނަކަ ކޯޕަރޭޝަނާއި ވަނީ ޙަވާލުކޮށްފައެވެ.