ޚަބަރު

ހދ. ހަނިމާދޫގެ ނަރުދަމާ ނިޒާމު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

19 ޖުލައި 2018

ހދ. ހަނިމާދޫގެ ނަރުދަމާ ނިޒާމު މިއަދު އިފްތިތާޙްކޮށްފިއެވެ. ހަނިމާދޫގެ ނަރުދަމާ ނިޒާމު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ. މި މަޝްރޫޢުއަކީ އަމިއްލަ ފަރާތްތަކުގެ ހިއްސާ އާއިއެކު (ޕްރައިވެޓް ވިލާ އިމާރާތް ކުރުމުގެ މޮޑެލްގެ ދަށުން ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދާ ހައުސިންގ ޔުނިޓް އިމާރަތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން) ކުރިއަށް ގެންދެވޭ ނަރުދަމާގެ މަޝްރޫޢެކެވެ. ހދ. ހަނިމާދޫގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި 13 މެއި 2013 ގައި ވަނީ ނޫމަޑި ރިސޯރޓްސް އެންޑް ރެސިޑެންސްއާއި ޙަވާލުކޮށްފައެވެ. އަދި ހަނިމާދޫގައި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ނިންމާފައިވަނީ ޖޫން 2017 އަށެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީ.އައި.އޭ މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގައި 3 ޕަމްޕް ސްޓޭޝަން ބަހައްޓައި 16.5 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމުކުރެވިފައެވެ. އަދި އެ ރަށުގެ 900 ގެއަށް ވަނީ މި ޚިދުމަތް ދެވިފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 300 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައެވެ. މިގޮތުން މި ނިޒާމުގެ ޚިދުމަތް 19 ޖޫން 2017 އިން ފެށިގެން ފެނަކަ ކޯޕަރޭޝަނުން ދަނީ އެރަށުގައި ފޯރުކޮށްދެމުންނެވެ.