ޚަބަރު

“އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018″ އިފްތިތާޙުކޮށްފި

5 ނޮވެމްބަރ 2018

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ބެހޭ ތަފާސްހިސާބު ހިމެނޭ ފޮތް “އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018″ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމް މިއަދު ނެރެދެއްވައިފިއެވެ. މި ފޮތް ލޯންޗުކުރީ މިކަމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ބެހޭ މަޢުލޫމާތު އެއްކޮށް “އެނަރޖީ އައުޓްލުކް ފޮރ އިންހެބިޓެޓް އައިލެންޑް 2013” ގެ ނަމުގައި ފުރަތަމަ ފަހަރަށް މިފަދަ ފޮތެއް މި މިނިސްޓްރީއިން ވަނީ ޝާއިޢުކޮށްފައެވެ. “އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018″ އަކީ މިސިލްސިލާގެ 4 ވަނަފޮތެވެ. މި ފޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމުތަކުގެ މުހިއްމު މަޢުލޫމާތުތަކާއި، ހަކަތައިގެ ދާއިރާއަށް ބޭނުންތެރި ގިނަ ތަފާސްހިސާބު ތަކެއް ހިމެނިފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ކަރަންޓު އުފައްދައި ބޭނުންކުރެވުނު މިންވަރުގެ މަޢުލޫމާތުވެސް މި ފޮތުގައި ހިމެނިފައިވެއެވެ. ހަމަ އެފަދައިން ވޭތުވެދިޔަ 10 އަހަރުގެތެރޭގައި ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުންތަކާއި އަދި ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ބޭނުންކުރަމުންދާ އިއާދަކުރަނިވި ހަކަތައިގެ އެކިއެކި ވަސީލަތްތަކުގެ މަޢުލޫމާތު ވެސް މިފޮތުގައި ހިމެނިފައިވެއެވެ.

“އައިލެންޑް އިލެކްޓްރިސިޓީ ޑޭޓާ ބުކް 2018” ގެ ތަފާސްހިސާބު ދައްކާގޮތުން 2017 ވަނަ އަހަރުގެތެރޭގައި 447,555 މެޓްރިކް ޓަނުގެ ޑީސަލް، 57,730 މެޓްރިކް ޓަނުގެ ޕެޓްރޯލް، 41,666 މެޓްރިކް ޓަނުގެ އޭވިއޭޝަން ގޭސް، އަދި 14,483 މެޓްރިކް ޓަނުގެ ކެއްކުމަށް ބޭނުންކުރާ ގޭސް ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ. އަދި 2017 ވަނަ އަހަރު މީހުން ދިރިއުޅޭ ރަށްރަށުގައި ޖުމްލަ 704 ގިގަވޮޓްއަވަރގެ ކަރަންޓު ހަކަތަ ބޭނުންކޮށްފައިވެއެވެ. މީގެ ތެރެއިން 56.9 އިންސައްތަ ބޭނުންކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 240 މެގަވޮޓް ކެޕޭސިޓީގެ ޖެނެރޭޓަރު ބެހެއްޓި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިރުގެ އަލިން ހަކަތަ އުފައްދާ މިންވަރުވަނީ 11 މެގަވޮޓް އަށް އިތުރު ކުރެވިފައެވެ.

މި ފޮތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވެބްސައިޓް http://www.environment.gov.mv/ އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.