ޚަބަރު

‘ވަޓް ޔޫ ޑޫ ފޯ ސްމޯލް އައިލަންޑްސް، ޔޫ ޑޫ ފޯ ދަ ވޯރލްޑް 2015- 2018’ ފޮތް މިނިސްޓަރ ޠާރިޤް އިބްރާހީމް ނެރުއްވައިދެއްވައިފި

6 ނޮވެމްބަރ 2018

މިނިސްޓަރ ޠާރިޤް އިބްރާހީމް ‘ވަޓް ޔޫ ޑޫ ފޯ ސްމޯލް އައިލަންޑްސް، ޔޫ ޑޫ ފޯ ދަ ވޯރލްޑް 2015-2018’ ފޮތް ނެރުއްވައިދެއްވައިފިއެވެ. މި ފޮތަކީ ކުދި ޖަޒީރާ ޤައުމުތަކަށް އަންނަ މޫސުމާއި ބެހޭ ބަދަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ފޮތެކެވެ.

އެގޮތުން ރާއްޖޭގެ ރިޔާސަތުގެ ދަށުން އެލިއަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސްގެ) ފަރާތުން ބޮޑެތި ކާމިޔާބީތައް ވަނީ ހާސިލުކޮށްފައެވެ. އެގޮތުން ކާމިޔާބު ކަމާއެކު ޕެރިސް އެގްރީމެންޓް އެކުލަވާލައި، ޕެރިސް އެގްރީމެންޓް ފާސްކުރެވިގެން ދިޔައީ އެއޯސިސްގެ ފަރާތުން ބާރުއެޅި މުހިއްމު ކަންތައްތަކެއް ހިމަނައިގެންނެވެ. މީގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަނބުރާ އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބޭނެކަމަށް ބައިނަލްއަޤުވާމީ މުޖްތަމަޢިން ބަލައިގަނެ ‘ލޮސް އެންޑް ޑެމޭޖް’ އާ ބެހޭ ބާބެއް އެއްބަސްވުމުގައި ހިމެނުމާއި، ދުނިޔޭގެ އެވްރެޖް ހޫނުމިން 1.5 ޑިގްރީއަށް ވުރެ ބޮޑުތަން މަތިވިޔަ ނުދީ ހިފެހެއްޓުމުގެ ލަނޑުދަނޑިއާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ފިޔަވަޅު އެޅުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާ ފައިސާގެ އެހީދޭ މިންވަރު މިހާރަށް ވުރެ އިތުރުކުރަމުން ގެންދިއުމަށް ތަރައްޤީވެފައިވާ ޤައުމުތަކުން އެއްބަސްވުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ދުނިޔޭގެ އެވްރެޖް ހޫނުމިން 1.5 ޑިގްރީއަށް ވުރެ ބޮޑުތަން މަތިވިޔަ ނުދީ ހިފެހެއްޓުމުގެ މުހިއްމުކަމާބެހޭ ގޮތުން އިންޓަރގަވަރންމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައި. ޕީ. ސީ. ސީ.) ގެ ފަރާތުން އޮކްޓޯބަރމަހު ނެރެފައިވާ ރިޕޯޓަކީ، ރާއްޖޭގެ ރިޔާސަތުގެ ދަށުން އެއޯސިސްއިން ބާރު އަޅައިގެން ތައްޔާރުކުރުމަށް ނިންމި ރިޕޯޓެއް ކަމަށެވެ. އަދި މިއީ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ބައިނަލްއަޤުވާމީ ގޮތުން އަވަސް ފިޔަވަޅު އަޅަންޖެހޭކަން ދުނިޔޭގެ ސަމާލުކަމަށް ގެނުވި މުހިއްމު ރިޕޯޓެއްކަމަށްވާތީ، ކުދި ޖަޒީރާ ޤައުމުތަކަށް މި ރިޕޯޓުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އ.ދ. ގެ ދެމެހެއްޓެނިވި ތަރައްޤީއާބެހޭ ލަނޑުދަނޑިތައް އެކުލަވާލުމުގެ މަޝްވަރާތަކުގައި ވެސް، އެއޯސިސްގެ ފަރާތުން ވަކާލާތުކޮށްފައިވަނީ ރާއްޖޭގެ ރިޔާސަތުގެ ދަށުންނެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ އެއޯސިސްގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓާފައިވާ ގޮތް އެއޯސިސްގެ މެންބަރު ޤައުމުތަކުން ބަލައިގެންފައިވާކަމަށާއި، މިގޮތުން ރާއްޖެއަށް ލިބިފައިވާ ރީތި ނަން ދެމެހެއްޓުމަށް ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްކުރައްވާނެކަމަށެވެ.

ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި ހިންގި އެއޯސިސް ފެލޯޝިޕް ޕްރޮގްރާމުގައި 4 ދިވެހިން ނިއުޔޯކްގައި ތަމްރީންކުރެވި، ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން މުޅި ޖުމްލަ 16 މީހުން ވަނީ މި މުއްދަތުގައި ޕްރޮގްރާމު ފުރިހަމަކޮށްފައެވެ.