ޚަބަރު

ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުން “ކޮންފަރެންސް އޮފް ދަ ޕާޓީސް” (ކޮޕް 24) ގައި މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ތަޤްރީރުކުރައްވައިފި

13 ޑިސެމްބަރ 2018

އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ މުޢާހަދާގެ ބައިވެރިންގެ 24 ވަނަ ބައްދަލުވުން “ކޮންފަރެންސް އޮފް ދަ ޕާޓީސް” (ކޮޕް 24) ގައި މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ތަޤްރީރުކުރައްވައިފިއެވެ. ޕޮލޭންޑްގައި ކުރިއަށްދާ މި ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކުން މޫސުމަށް އަންނަ ބަދަލުތަށް ކުޑަކުރުމަށް މާލީ އެހީ ބޭނުންވާކަމަށާއި އެގޮތުން މިކަމުގައި ވިޔަފާރިތަކުންނާއި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ އިންވެސް އެއްބާރުލުން ބޭނުންވާކަމަށެވެ.

އ.ދ. ގެ ތިމާވެއްޓާއި ބެހޭ ޖަމްޢިއްޔާ (ޔުނެޕް) އިން ނެރެފައިވާ ޔުނެޕް ގެޕް ރިޕޯޓުންވެސް ވަނީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމާއި ގުޅޭގޮތުން، އައި.ޕީ.ސީ.ސީ.ގެ ފަރާތުން ނެރެފައިވާ ދިރާސާ ރިޕޯޓަށް އިތުރު ބާރުލިބޭފަދަ ހޯދުންތަކެއް ހާމަކޮށްދީފައި ކަމަށްވާތީ މި އަހަރުގެ އޮކްޓޫބަރު މަހު “އައިޕީސީސީ” ގެ ރިޕޯޓުގައި ވާ ކަންކަމަށް މިނިސްޓަރ ވަނީ އަލިއަޅުއްވާފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުދި ޖަޒީރާ ޤައުމުތަކުން މިހާރުން މިހާރަށްވެސް ކުރަންޖެހޭ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ އިޔާދަ ނުކުރެވޭފަދަ ގެއްލުންތަކުގެ މައްސަލައާއި ކުރިމަތިލާނެ ގޮތްތަކާއި މިކަމަށް ޙައްލު ހޯދުމުގެ މައްޗަށާއި އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ލިބެންޖެހޭ ފައިސާގެ ވަސީލަތްތައް ލަސްވުމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.