ޚަބަރު

ޕްލާސްޓިކް ފުޅި މަދުކުރުމުގެ ޤައުމީ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކޮށްފި

28 ޑިސެމްބަރ 2018

ޕްލާސްޓިކް ފުޅި މަދުކުރުމުގެ ޤައުމީ ކެމްޕެއިން މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ކެމްޕެއިންގެ މަޤްޞަދަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބާރު އެޅުވުމާއި ކުޑަކުދިން މިކަންތައްތަކަށް ހޭލުންތެރިކުރުވުމެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ނުވަތަ ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ޔުނިސެފްގެ އެހީގައި ރާއްޖޭގެ ހުރިހާ ސުކޫލްތަކަށް ގިނަ ފަހަރު ބޭނުންކުރެވޭ އަދި ތިމާވެށްޓާއި ރައްޓެހި ‘ސުޕަރ ފެންފުޅި’ ބެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އެގޮތުން މިއަދު ޖުމްލަ 15 ސްކޫލަކަށް ‘ސުޕަރ ފެންފުޅި’ ވަނީ ޙަވާލުކޮށްފައެވެ. މި ފުޅިތައް ސްކޫލްތަކާއި ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެނަރޖީ ޑރ. ޢަބްދުﷲ ނަސީރާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ އެވެ. މިއީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން ޔުނިސެފް ގެ އެހީގައި ރާއްޖޭގެ ހުރިހާ ސުކޫލްތަކަށް ފޯރުކޮށްދެވޭ ފުޅިއެކެވެ.

ކުޑަކުދިންނަށް ޙާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ މި ‘ސުޕަރ ފެންފުޅި’ އަކީ ކެމިކަލްގެ ވިހަ މާއްދާއެއް ކަމައްވާ ބީ.ޕީ.އޭ ނުހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ފެންފުޅިއެކެވެ. މިނިސްޓްރީއިން މިހާރުވަނީ ފޭސް އައުޓް ޕްލޭނެއްގެ ދަށުން ސިންގަލް ޔޫޒް ޕްލާސްޓިކްގެ ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން ހުއްޓުވުމަށް ނިންމާފައެވެ. އެގޮތުން މިކަން ކުރާނެގޮތުގެ ސްޓްރެޓަޖީ އެކުލަވާލުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ.

މި ކެމްޕެއިންގެ ދަށުން ޕްލާސްޓިކު އުފެދޭ މިންވަރު މަދުކުރުމަށާއި އަލުން ބޭނުންކުރުމުގެ އާދައަށް ކުޑަކުދިން އަހުލުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޔުނިސެފްގެ އެހީގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް 2019 ވަނަ އަހަރުގެ ގްރޭޑް 1 އަށް އަލަށް ވަންނަ ހުރިހާ ދަރިވަރުންނަށް ރީފިލްކުރެވޭ (ބީޕީއޭ ފްރީ) ފެންފުޅި ފޯރުކޮށްދެވޭނެއެވެ.

އަދި ރާއްޖޭގެ 3 ސަރަޙައްދެއްގައި ‘ސުޕަރ ފެންފުޅި’ ސްކޫލްތަކާއި ހަވާލުކުރުމުގެ ހަރަކާތްތަކެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޔުނިސެފް ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.