ޚަބަރު

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިންގެ ދަށުން މާލެ ސިޓީ ކައުންސިލަށް ރީޔޫސަބަލް ފުޅި ހަދިޔާކޮށްފި

30 ޑިސެމްބަރ 2018

ސިންގަލް ޔޫސް ޕްލާސިޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިންގެ ދަށުން މާލެ ސިޓީ ކައުންސިލަށް ގިނަ ފަހަރު ބޭނުންކުރެވޭ އަދި ތިމާވެށްޓާއި ރައްޓެހި ފުޅި ހަދިޔާކޮށްފިއެވެ. ސިންގަލް ޔޫސް ޕްލާސިޓިކް މަދުކުރުމުގެ ކެމްޕެއިނަކީ ރައީސުލްޖުމްހޫރިއްޔާގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ސަރުކާރުން ނިންމާފައިވަނީ މީގެ އެއްމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ސިންގަލް ޔޫޒް ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން ހުއްޓާލުމަށެވެ. މިއަދު މިނިސްޓްރީއިން މާލެ ސިޓީއަށް ހަދިޔާކޮށްފައިވަނީ ގިނަ ފަހަރު ބޭނުންކުރެވޭ ތިމާވެށްޓާ ރައްޓެހި 100 ފުޅިއެވެ. މި ފުޅިތަކަކީ ހޭންޑީ ވޯޓާރސްގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށް ހަދިޔާކޮށްފައިވާ ފުޅިތަކެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ސިންގަލް ޔޫސް ޕްލާސްޓިކަކީ އޭގެ ސަބަބުން ކަނޑުގެ ދިރުމަށް ނުހަނު ގެއްލުން ހުރި އެއްޗެއްކަމަށާއި ރާއްޖޭގައި އުފައްދާ ކުނީގެ ތެރޭގައި ގިނަ ޢަދަދަކަށް މިބާވަތުގެ ކުނި ހުންނަކަންވަނީ ފާހަގަކުރެވިފއިވާ ކަމަށެވެ. އެހެންކަމުން މިކަމަށް އެކަށީގެންވާ ޙައްލެއް ހޯދުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް ވަނީ އަޅަން ޖެހިފައި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި މަދުކުރިކަމުގައި ވިއަސް މިކަމަށް އަދި މުޅިން ހައްލެއް ލިބުނީ ކަމުގައި މިނިސްޓްރީއިން ނުދެކޭ ކަމަށާއި ރާއްޖެއަށް އެތެރެކުރާ ސިންގަލް ޔޫޒް ޕްލާސްޓިކްގެ ހުރިހާ ބާވަތެއް ފޭސް އައުޓް ޕްލޭނެއްގެ ދަށުން ހުއްޓުވުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާކަމަށާއި އެގޮތުން މިކަމަށް ވަކި ސްޓްރެޓެޖީއެއް އެކުލަވާލާ އޭގެ ދަށުން ފޭސްއައުޓް ޕްލޭނެކާއި އެކްޝަން ޕްލޭނެއް އެކުލަވާލާ މި އަހަރު ތެރޭ މިކަން ފެށިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމާއި ގުޅޭގޮތުން ސަރުކާރުގެ އޮފީސްތަކާއި އަދި ކުންފުނިތަކާއި މިނިސްޓްރީން ދަނީ މަޝްވަރާކުރަމުންނެވެ. އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ކެމްޕެއިންގެ ދަށުން ރާއްޖޭގެ ސްކޫލްތަކަށް އަލަށް ގްރޭޑް 1 އަށް ވަންނަ ދަރިވަރުންނަށް ގިނަ ފަހަރު ބޭނުންކުރެވޭ އަދި ތިމާވެށްޓާއި ރައްޓެހި ‘ސުޕަރ ފެންފުޅި’ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މި މިނިސްޓްރީއިން ވަނީ ފަށާފައެވެ. އެގޮތުން 28 ޑިސެމްބަރ 2018 ގައި މިނިސްޓްރީއިން ވަނީ ރާއްޖޭގެ ޖުމްލަ 15 ސްކޫލަކަށް ގިނަ ފަހަރު ބޭނުންކުރެވޭ އަދި ތިމާވެށްޓާއި ރައްޓެހި ‘ސުޕަރ ފެންފުޅި’ ހަދިޔާކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ އިތުރު 3 ސަރަޙައްދެއްގެ ސްކޫލްތަކަށް މި ފުޅި ބެހުމަށް ވަނީ ހަމަޖެހިފައެވެ.