ޚަބަރު

ހަކަތަ ސަމަކާރަ ލޭބަލްގެ ފަރުމާއަށް އާންމުންގެ ޚިޔާލު ހޯދުމަށް ސަރވޭއެއް ފަށައިފި

10 މެއި 2018

ހަކަތަ ސަމަކާރަ ލޭބަލް ފަރުމާކުރުމަށް، އާންމުންގެ ޚިޔާލު ހޯދުމުގެ ސަރވޭއެއް މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ފަށައިފިއެވެ. އޮންލައިންކޮށް ކުރިއަށް ގެންދާ މި ސަރވޭގެ މަޤްސަދަކީ ހަކަތަ ސަމަކާރަ ލޭބަލަކީ ވިހާވެސް ގިނަބައެއްގެ ޙިޔާލާއި އެއްގޮތަށް ފަރުމާކުރެވޭ ލޭބަލަކަށް ހެދުމެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފްކުރާ މިފަދަ ލޭބަލްކަމުން މިފަދަ ލޭބަލްގައި ހިމެނޭ މަޢުލޫމާތާއި އޭގެ މުހިންމުކަން ގިނަ ބަޔަކަށް އޮޅުންފިލުވައިދިނުމަށްޓަކައި ބޭނުންވާނެ މަޢުލޫމާތު ވަނީ ސަރވޭގައި ހިމަނާފައެވެ. މީގެ އިތުން ސަރވޭގައި ބައިވެރިވާ ފަރާތްތަކުގެ ޚިޔާލަށް އެދި 8 ސުވާލު ހިމަނާފައިވާއިރު މިއިން ކޮންމެ ސުވާލަކަށް 3 ނުވަތަ 4 އިޚްތިޔާރީ ޖަވާބު ހިމެނިފައިވެއެވެ. އެގެތެރޭގައި ލޭބަލް ހުންނަން ބޭނުންވާ ބައްޓަމާއި ލޭބަލް ގައި ހަކަތަ ސަމަކާރަ މިންވަރު އަންގައިދޭ ފާހަގަ ހުންނަން ބޭނުންވާ ގޮތާއި އައިސްއަލަމާރި، ދޮންނަމެޝިން އަދި އެއަރ ކޮންޑިޝަނަރގައި ލޭބަލް ހަރުކުރުމަށް އެންމެ އެދޭ ތަނެއް އިޚްތިޔާރު ކުރުން ހިމެނެއެވެ.

ސްޓްރެންތެނިން ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓަކީ ހަކަތަ ސަމަކާރަ ގޮތަތައް ކުރިއަރުވައި، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް ކުރިއަށްގެންދާ މަޝްރޫއު އެކެވެ. މި މަޝްރޫޢުއަކީ އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓު ސަމާނަކީ އެނަރޖީ އެފިޝަންޓް (ހަކަތަ ސަމަކާރަ) ތަކެއްޗަށް ހެދުމަށް ބާރުއެޅުމާއި ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަރަންޓު ސާމާނަކީ ހަކަތަ ސަމަކާރަ ތަކެއްޗަށް ހެދުމަށް ބާރުއެޅުމާއި އިމާރަތް ކުރުމުގައި ހަކަތަ ސަމަކާރަ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.