ޚަބަރު

ގައިޑް ހަރަކާތާއި ސްކައުޓް ހަރަކާތުގައި ހަރަކާތްތެރިވާ ލީޑަރުންނަށް އަމާޒުކޮށްގެން އެނަރޖީ އެފިޝަންސީ އެވެއަރނަސް ބެޖްގެ ލީޑަރސް ގައިޑަށް އަހުލުވެރިކުރުވުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

1 ޖުލައި 2018

ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ސްކައުޓުންނާއި ގާރލް ގައިޑްގެ މެމްބަރުންނަށް އަމާޒުކޮށްގެން ތައްޔާރުކުރާ އެނަރޖީ އެފިޝަންސީ ބެޖް ހާސިލްކުރުމަށް މެމްބަރުން ފުރިހަމަކުރަންޖޭ މަސައްކަތްތަކާއި އެ މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންވާ އިރުޝާދާއި މަޢުލޫމާތު ހިމަނައިގެން ތައްޔާރުކުރާ “އެނަރޖީ އެފިޝަންސީ އެވެއަރނަސް ބެޖްގެ ލީޑަރސް ގައިޑް” އަށް ދެ އެސޯސިއޭޝަންގެ ލީޑަރުން އަޙުލުވެރިކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. 1 ޖުލައި 2018 ގައި ޗަމްޕާ ސެންޓްރަލް ހޮޓެލަގައި ބޭއްވި މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްދެއްވީ އެނަރޖީ އެފިޝަންސީ އެވެއަރނަސް ބެޖްގެ ލީޑަރސް ގައިޑް އެކުލަވާލައި ތައްޔާރުކޮށްދެއްވި ކޮންސަލްޓަންޓެވެ. މި މަސައްކަތު ބައްދަލުވުމުގައި ޖުމްލަ 36 ބައިވެރިން ބައިވެރިވިއެވެ.

އެނަރޖީ އެފިޝަންސީ އެވެއަރނަސް ބެޖަކީ މޯލްޑިވްސް ގާރލްސް ގައިޑް އެސޯސިއޭޝަނާއި ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުންގެ ގޮތުގައި ހަރަކާތްތެރިވާ ހުރިހާ އުމުރު ފުރައެއްގެ މެމްބަރުންނަށް އަމާޒުކޮށްގެން މޫސުމީ ބަދަލާއި ހަކަތަ ސަމަކާރައަށް ހޭލުންތެރިކުރުމަށާއި އެކަންކަމަށް އަހުލުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީ އޮފް އެނަވަޔަރަންމަނަޓް އެންޑް އެނަރޖީ އާއި އެ ދެ އެސޯސިއޭޝަންގެ މެދުގައި ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އެނަރޖީ އެފިޝަންސީ އެވެއަރނަސް ބެޖްގެ ލީޑަރސް ގައިޑަކީ ސްކައުޓުންނާއި ގައިޑުން ބެޖް ހާސިލްކުރުމަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތަކާއި އެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ބޭނުންވާ އިރުޝާދުތައް ހިމެނައިގެން އެކުލާވަލައިފާ ލީޑަރުންގެ އަތްމަތީ ފޮތެކެވެ. އެހެންކަމުން މެމްބަރުން ބެޖްގެ މަސައްކަތް ފުރިހަމަ ކުރުމަށް ބޭނުންވާ ލަފަޔާ އިރުޝާދު މި އަތްމަތީ ފޮތުގެ ޒަރިއްޔާއިން މެމްބަރުނަށް ފޯރުކޮށްދިނުމަށް ލީޑަރުންނަށް ފަހިވާނެއެވެ.

ސްޓްރެންތެނިން ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓަކީ ހަކަތަ ސަމަކާރަ ގޮތަތައް ކުރިއަރުވައި، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު މަދުކުރުމަށް ކުރިއަށްގެންދާ މަޝްރޫއު އެކެވެ. މި މަޝްރޫޢުއަކީ އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓު ސަމާނަކީ އެނަރޖީ އެފިޝަންޓް (ހަކަތަ ސަމަކާރަ) ތަކެއްޗަށް ހެދުމަށް ބާރުއެޅުމާއި ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަރަންޓު ސާމާނަކީ ހަކަތަ ސަމަކާރަ ތަކެއްޗަށް ހެދުމަށް ބާރުއެޅުމާއި އިމާރަތް ކުރުމުގައި ހަކަތަ ސަމަކާރަ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.