ޚަބަރު

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޔޫއޭއީއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

15 ޖަނަވަރީ 2019

ދިވެހިރާއްޖެ އާއި ޔޫ.އޭ.އީއާ ދެމެދު އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާގުޅޭގޮތުން ދެ ޤައުމު ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ. އަބޫދާބީގައި ހުންނަ އަބޫދާބީ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި މިއަދު ހަވީރު ބޭއްވުނު ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެމް.އޯ.ޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ޑރ. ހުސައިން ރަޝީދު ހަސަނެވެ. އަދި ޔޫ.އޭ.އީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް، ޑރ. ޡާނީ އަލް ޒަޔޫދީއެވެ.

މިއަދު މި ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން ދެ ޤައުމު ދެމެދު އިއާދަކުރުނިވި ހަކަތައިގެ ދާއިރާއިން ސިޔާސަތު އެކުލަވާލުމުގައި ތަޖުރިބާ އާއި ސައިންޓިފިކް އަދި ޓެކްނޮލޮޖިކަލް މައުލޫމާތު ހިއްސާކުރެވިގެންދާނެއެވެ. އަދި މި އެމް.އޯ.ޔޫ އަކީ ދެ ޤައުމު ދެމެދު އޮތް ޒަމާންވީ ގުޅުމަށް ލިބުނު އިތުރު ފުރިހަމަކަމެއްގެ އިތުރުން ރައީސް ޞާލިޙްގެ ސަރުކާރުގެ އެއް އަމާޒުކަމުގައިވާ ދެމެހެއްޓެނިވި ކުރިމަގަކަށް ކުރެވޭ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއްކަން ފާހަގަކޮށްލެވެއެވެ.

މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ޞާލިޙް މިވަގުތު ޔޫ.އޭ.އީ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅުގައި، އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ޑރ. ހުސެއިން ރަޝީދު ހަސަނާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވައެވެ.