ޚަބަރު

މާލެ ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން މާލެ ސިޓީ ކައުންސިލާއި ގަސްތައް ޙަވާލުކޮށްފި

29 ޖަނަވަރީ 2019

މާލެ ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން މާލެ ސިޓީ ކައުންސިލާއި 2700 އަށްވުރެ ގިނަ ގަސްތައް ޙަވާލުކޮށްފިއެވެ. މާލެ ސިޓީ ކައުންސިލަށް ގަސް ޙަވާލުކުރުން އޮތީ މިއަދު އެކަމަށްޓަކައި ތައިސޭ ކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލާއި ގަސްތައް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ޙަސަނެވެ. އަދި މާލެ ސިޓީ ކައުންސިލުގެ ފަރާތުން ގަސްތަކާއި ޙަވާލުވެލެއްވީ މާލެ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދެވެ.

މަގުތަކުގައި އިންދަން ހަމަޖައްސާފައިވަނީ ރާއްޖޭގައި މިހާރު ވެސް އާއްމުކޮށް ހުންނަ އެކި ވައްތަރުގެ ގަސްގަހެވެ. އޭގެތެރޭގައި ހިތި ގަހާއި ބޮޑު ޖަވާހިރު ފަދަ ބޮޑެތި ގަސްތައް ހިމެނެއެވެ. ގަސްތައް އިންދުމުގައި އިސްކަންދެވޭނީ މާލެ ފަދަ މާހައުލަކާއި ގުޅޭ ވައިސާފުކުރާފަދަ ގަސްތަކަށެވެ. ބޮޑުތަކުރުފާނު މަގު އަލުން ހަދާފައިވަނީ ގަސް އިންދާނެ ވަކި ތަންތަން ޚާއްޞަކޮށްފައެވެ. އެގޮތުން ޕޮޓްތަކުގައި އިންދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މާހައުލުން މަދުވެފައި ހުރި މީރުވަސް ދުވާ މާ ގަސްތަކެވެ. އޭގެ ތެރޭގައި ކަރަންކާ މަލާއި ޗަމްޕާ ޕޫލް ފަދަ މާ ގަސް ހިމެނެއެވެ.

މުޅި ރާއްޖެ ފެހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން މި މިނިސްޓްރީއިން ވަނީ މުޅި ރާއްޖެ ފެހިކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައެވެ. މި ޕްލޭން ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.