ޚަބަރު

ފެންކުންފުނިތަކުން ފޯރުކޮށްދޭ ފެން ބޭނުންކުރުމަށް ރައްޔިތުން އަހުލުވެރިކުރުމާއި ރައްޔިތުންނަށް އެ ފެނުގެ ކޮލިޓީ ޔަގީންކޮށް ދިނުމަށް ބައްދަލުވުމެއް ބާއްވައިފި

19 މާޗް 2019

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި މިނިސްޓްރީއިން ފުއްދުމަށް ކަނޑައަޅުއްވާފައިވާ ވަޢުދުތަކުގެ ތެރެއިން ބޯފެނަން ކުރަންޖެހޭ ޚަރަދާ އުފުލަންޖެހޭ ތަކުލީފް ކުޑަކޮށް ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމުގެ ގޮތުން ފެންކުންފުނިތަކުން ފޯރުކޮށްދޭ ފެން ބޭނުންކުރުމަށް ރައްޔިތުން އަހުލުވެރިކުރުމާއި ރައްޔިތުންނަށް އެ ފެނުގެ ކޮލިޓީ ޔަގީންކޮށް ދިނުމަށް މީޑިއާތަކާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ފަރާތުން ޓެކްނިކަލް ބޭފުޅުންވަނީ ޕްރެސެންޓޭޝަން ދެއްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނަކީ ތިން މަރުހަލާއަކުން ޓެސްޓް ކުރެވިގެން ފޯރުކޮށްދެވޭ ފެނެއްކަމަށާއި އަދި މި ފެނުގެ ކޮލިޓީ ހުންނަނީ ޑަބްލިއު.އެޗް.އޯ މިންގަޑަށްވުރެ އެތައްގުނައަކުން ފެންވަރު ރަނގަޅަށް ކަމަށެވެ.

އެގޮތުން އީޕީއޭގެ ފަރާތުން ދެއްވި ޕްރެސެންޓޭޝަނުގައި ފެނުގެ ޚިދުމަތް ރެގިއުލޭޓްކުރާ ފަރާތުގެ ހައިސިއްޔަތުން، ފެނުގެ ޚިދުމަތް ދެވެނީ ކަނޑައަޅުއްވާފައިވާ މިންގަނޑު ތެރޭގައިތޯ ބެލުމަށްޓަކައި މާލެ ސަރަޙައްދުގައި އެ އެޖެންސީއިން ފެން ޓެސްޓުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ދެއްވިއެވެ. އަދި އެމްޑަބްލިއުއެސްސީގެ ޕްރެސެންޓޭޝަނުގައި އެ ކުންފުނިން ފެން އުފެއްދުމާއި އެ ފެން ރައްކާކޮށް މާލޭ ސަރަޙައްދަށް ޑިސްޓްރިބިއުޓް ކުރާގޮތުގެ މަޢުލޫމާތު ދެއްވިއެވެ. އަދި އެމްއެފްޑީއޭ އިން ދެއްވި ޕްރެސެންޓޭޝަނުގައި ނެޝަނަލް ހެލްތް ލެބޯރަޓަރީއިން ފެން ޓެސްޓް ކުރެވޭ މިންގަނޑުތަކާއި އީޕީއޭއާއި ގުޅިގެން އެ އެޖެންސީއިން ކުރެވުނު ފެނުގެ ޓެސްޓުތަކުގެ ނަތީޖާ ހިމަނާފައިވެއެވެ.

މި ބައްދަލުވުމުގައި މީޑިއާއިން މި 100 ދުވަހުގެ ވަޢުދާއި ގުޅޭގޮތުން ކުރެއްވި ސުވާލުތަކަށް ޓެކްނިކަލް ބެންޗުން ވަނީ ޖަވާބުދެއްވާފައެވެ. މި ޓެކްނިކަލް ބެންޗުގައި ތިއްބެވީ އީ.ޕީ.އޭ ، އެމްއެފްޑީއޭ އަދި އެމްޑަބްލިއުއެސްސީގެ ޓެކްނިކަލް ބޭފުޅުންނެވެ. މި ބައްދަލުވުމުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.