ޚަބަރު

ކޮންމެ ގޭބިސީއަކަށް ލެޑް ބޮކި ދޫކުރުމުގެ މަޝްރޫޢުގެ ދަށުން ދޫކުރާ ލެޑް ބޮކިތައް ޔޫޓިލިޓީ ކުންފުނިތަކާއި ޙަވާލުކޮށްފި

15 މެއި 2019

ދިވެހިރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ލެޑް ބޮކި ދޫކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން، އެމަސައްކަތް ކުރުމަށްޓަކައި ލެޑްބޮކިތައް ޔޫޓިލިޓީ ކުންފުނިތަކާއި ޙަވާލުކޮށްފިއެވެ. މިއަދު ބޮކިތައް ޙަވާލުކުރީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، އަދި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މިގޮތުން، މިމަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 2 ލެޑް ބޮކި ދޫކުރެވޭނެއެވެ.

މިއަދު ލެޑް ބޮކިތައް ޔޫޓިލިޓީ ކުންފުނިތަކަށް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ދެއްކެވި ވާހަކަފުޅުގައި ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމަށްޓަކައި ހަކަތަ ސަމަކާރަ ތަކެތި ގަތުމަށާއި، ޢާއްމު ދިރިއުޅުމުގައި ހަކަތައިގެ އިސްރާފުކުޑަވާނެ ގޮތަކަށް އާދަތައްބެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހަކަތަ އިޤްތިސާދުކުރުމަށްޓަކައި ހަކަތަ ސަމަކާރަ ލޭބަލް ހެދުމުގެ މަސައްކަތާއި ދިވެހިރާއްޖޭގެ ބިލްޑިންގ ކޯޑަށް ބޭނުންވާ ކޮމްޕްލަޔަންސް ޑޮކިއުމެންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ އިތުރުން ހަކަތަ ސަމަކާރަ ތަކެތި ފޯރުކޮށްދިނުމަށް ޕްރޮގްރާމުތައް ހިންގަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ލެޑް ބޮކިތަކަކީ ތިމާވެށްޓާ ރައްޓެހި ކަރަންޓު ޚަރަދުކުޑަ ލެޑް ބޮކިތަކެކެވެ.200,000 ބޮކިން ދުވާލަކަށް 9600 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެއެވެ. އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 100 ޔުނިޓު ބޭނުންކުރާ 2,400 ގެއަށް ދުވާލަކަށް ބޭނުންވާ ކަރަންޓެވެ.