ޚަބަރު

ށ.ފޯކައިދޫ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށައިފި

23 ޖޫން 2019

ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުން ށ. ފޯކައިދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ށ. ފޯކައިދޫގައި ބާއްވައިފިއެވެ. މި މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަނެވެ.

ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ށ.ފޯކައިދޫގައި ފެނުގެ ނިޒާމް ޤާއިމުކުރުމުގެ އިތުރުން ބ. ދަރަވަންދޫ، ރ. މަޑުއްވަރީ، އަދި ހދ. ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ޤާއިމުކޮށް، ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެއެވެ. އޭގެ ތެރޭގައި ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރ އާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް އެހީތެރިވުމާ، މި ދާއިރާއާއި ގުޅުންހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މި ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުން ހިމެނެއެވެ. މުޅި މަޝްރޫއަށް ޖީ.ސީ.އެފް އިން ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ 23,636,364.00 (ތޭވީސް މިލިއަން ހަސަތޭކަ ތިރީސް ހަ ހާސް ތިން ސަތޭކަ ފަސްދޮޅަސް ހަތަރު ޔޫ.އެސް ޑޮލަރު) ޔޫ.އެސް ޑޮލަރު ދިވެހި ސަރުކާރަށް ވަނީ ލިބިފައެވެ. މިފައިސާ ދިވެހި ސަރުކާރަށް ލިބިފައި ވަނީ 2017 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.

ށ. ފޯކައިދޫ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކުރިޔަށްގެންދަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއަރ ލިމިޓެޑް އިންނެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް އެ ކުންފުންޏާއި ޙަވާލުކުރެވިފައިވަނީ 01 ނޮވެންބަރު 2018 ގައެވެ.

މި މަޝްރޫޢުގެ ދަށުން ށ. ފޯކައިދޫގައި ބޯ ހޯލް ހެދުމާއި، ވޯޓަރ ކަލެކްޝަން ޓޭންކާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމާއި، އާރް.އޯ ޕްލާންޓް ޔުނިޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައި ދިނުމުގެ މަސައްކަތް ކުރެވިގެން ދާނެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކެނޭޑިއަން ކްރިސްޓަލައިނާ ޙަވާލުކުރެވިފައި ވަނީ 30,839,208.63ރ. (ތިރީސް މިލިއަން އަށްސަތޭކަ ތިރީސް ނުވަ ހާސް ދުއިސައްތަ އަށް ރުފިޔާ ފަސްދޮޅަސް ތިން ލާރި) އަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ ނޮވެންބަރު 2019 އަށެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ށ.ފޯކައިދޫގެ އެންމެހައި ރައްޔިތުންނަށް ސާފު ބޯފެނުގެ ޚިދުމަތް ލިބިގެންދާނެއެވެ.