ޚަބަރު

ކ.ތިލަފުށީގެ ޑަމްޕް ސައިޓް (ކުނިގޮޑު) އިން ދުން އެރުން ހުއްޓުވާ އެތަން އެކަށީގެންވާ ފެންވަރެއްގައި މެނޭޖްކުރުމަށް އެކަމަށް ބޭނުންވާ ލޭންޑްފިލް ކޮމްޕެކްޓަރ އެއް ރާއްޖެ ގެނައުމަށް ބަޔަކާ ހަވާލުކޮށްފި

26 ނޮވެމްބަރ 2019

ކ.ތިލަފުށީގެ ޑަމްޕް ސައިޓް (ކުނިގޮޑު) އިން ދުން އެރުން ހުއްޓުވާ އެތަން އެކަށީގެންވާ ފެންވަރެއްގައި މެނޭޖްކުރުމަށް އެކަމަށް ބޭނުންވާ ލޭންޑްފިލް ކޮމްޕެކްޓަރ އެއް ރާއްޖެ ގެނައުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އާއި ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ކޮމްޕެކްޓަރ އަކީ އެމިނިސްޓްރީން އޭޝިއަން ޑިވެލޮޕްމަންޓް (އޭ.ޑީ.ބީ)، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ)، ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް. ޖޭ.ސީ.އެމް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ)ގެ އެހީގައި :ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް” ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ކ. ތިލަފުށީގެ ޑަމްޕްސައިޓް ރިމީޑިއޭޓް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެތަނުން ދުން އެރުން ހުއްޓުވައި އެކަށީގެންވާގޮތެއްގައި މެނޭޖްކުރުމުގެ މަސައްކަތް ފެށުމަށް ގެނެވޭ ކޮމްޕެކްޓަރ އެކެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ސޮއިކޮށްފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން އެވެ. އަދި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަލްފާޟިލް ޝިފާޢު ޢަލީ އެވެ.

ސަރުކާރުގެ ބަޖެޓުން ޖުމްލަ 9,665,000/-ރ (ނުވަ މިލިއަން ހަލައްކަ ފަސްދޮޅަސް ފަސްހާސް) ދިވެހި ރުފިޔާ ޚަރަދުކޮށްގެން ގެނެވޭ މި ކޮމްޕެކްޓަރ ގެނައުމަށް އެމް.ޓީ.ސީ.ސީ އާއި އެކު އެއްބަސްވެފައިވަނީ އެއްބަސްވުމުގައި ސޮއިކުރެވޭތާ 4 މަސްދުވަހުގެ ތެރޭގައެވެ. ނަމަވެސް އެއްބަސްވުމުގައި އެހެން އޮތްކަމުގައިވީނަމަވެސް މިނިސްޓްރީ އާއި އެމް.ޓީ.ސީ.ސީ އާއި އެކު މަޝްވަރާކޮށް ނިންމާފައިވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ކޮމްޕެކްޓަރ ރާއްޖެ ގެނެވި އެއަހަރު ފެބްރުއަރީ މަސްތެރޭގައި ތިލަފުށީ ޑަމްޕްސައިޓް އިން ދުން އެރުން ހުއްޓުމުގެ ޢަމަލީ މަސައްކަތް ފެށުމަށެވެ. މި ކޮމްޕެކްޓަރ ރާއްޖެ އަންނައިރު މި އޮޕަރޭޓްކުރާނެ ގޮތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ކަމާއި ބެހޭ ސްޓާފުންނަށް ދަސްކޮށް ދީ ޓްރެއިނިންގ ދިނުމަށްޓަކައި އޭ.ޑީ.ބީ ގެ އެހީގައި ކަމާއި ބެހޭ މާހިރަކު ރާއްޖެ އައުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަސްތެރޭ މި ކޮމްޕެކްޓަރ އޮޕަރޭޓް ކުރަން ފެށިއްޖެނަމަ އެއަހަރު މެދު ތެރޭ ތިލަފުށިން ދުން އެރުން ހުއްޓުވާލެނެއެވެ. މިއާއެކު ތިލަފުށީގައި ޒަމާނީ ފެންވަރުގެ އެއްމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުނި މެނޭޖްކުރެވޭނެ ފުރިހަމަ ނިޒާމެއް ތިލަފުށީގައި ގާއިމުކުރުމުގެ މަސައްކަތް މި މިނިސްޓްރީއިން ދަނީ ކުރަމުންނެވެ.