ޚަބަރު

ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމާގެޅޭ

23 މެއި 2022

ޤާނޫނު ނަންބަރު: 4/93 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނުނު) ގެ 8 ވަނަ މާއްދާގެ (ހ) ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން 01 ޖޫން 2022 އިން ފެށިގެން މަނާކުރެވިގެންދާނެއެވެ. މި ލިސްޓުގައި ހިމެނޭ ބާވަތްތައް އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރެވިގެންދާނީ އެކި މަރުހަލާ ތަކައް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ މަރުހަލާގައި މަނާކުރެވިގެންދާނެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:
1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި
2- ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
3- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
4- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)
5- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ
6- 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
7- ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
8- 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން

މީގެ އިތުރުން، ދިވެހިރާއްޖޭގައި އުފައްދާ ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އަދި ތައްޔާރީ ބުއިންތަކުގެ ބާވަތްތައް 01 ޖޫން 2022 އިން ފެށިގެން ރާއްޖޭގައި އުފެއްދުން މަނާކުރެވިގެންދާއިރު، މިތަކެތި ބާޒާރަށް ނެރުން 01 ސެޕްޓެމްބަރ 2022 އިން ފެށިގެން މަނާކުރެވޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ؛
1- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
2- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)

އަދި، މީގެ އިތުރަށް 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް 2023 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ރާއްޖޭގައި އުފެއްދުން މަނާކުރެވި 2024 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ބާޒާރަށް ނެރުން މަނާކުރެވޭނެއެވެ. މި ދެންނެވި ސައިޒުގެ ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން 2023 ގެ ނިޔަލަށް މަނާކުރެވުނު ކަމުގައި ވީނަމަވެސް، ރާއްޖޭގައި މިހާރުވެސް އުފައްދަމުންދާ 1.5 ލީޓަރ ފުޅިއާއި އެއަށްވުރެ ބޮޑު ސައިޒުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ބާޒާރުގައި ލިބެން ހުންނާނެއެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި އެކުލަވާލާފައިވާ ފޭސްއައުޓް ޕްލޭންގައި ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމަށްޓަކައި ވަކި ސިޔާސަތުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން، ކަނޑައަޅާފައިވާ މައިގަނޑު 06 ސިޔާސަތަކީ؛
1. އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކުގެ ތެރެއިން ކަޑައެޅޭ ވަކި ބާވަތްތަކެއް އުފެއްދުމާއި އިމްޕޯޓު ކުރުމާއި ވިއްކުން މަނާކުރުމާ ބެހޭ ސިޔާސަތު
2. އިމްޕޯޓް ޑިޔުޓީއާއި، ޓެކްސް ނެގުމާއި، ވަކި ކަމެއް ކުރުވުމަށް ބާރުއަޅާފަދަ އެހީތެރިކަން (އިންސެންޓިވްސް) ދިނުމުގެ ސިޔާސަތު.
3. ކުންޏާއި ބެހޭ ތަފާސް ހިސާބު ޤައުމީ ފެންވަރެއްގައި އެއްކޮށް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ޕްލާސްޓިކުން ބަންދުކޮށްފައި ހުންނަ އެއްޗެތި މަދުކުރުމުގެ ލަނޑުދަނޑިތައް ކަނޑައެޅުން.
4. ދެމިގެންދާ، އުފެއްދުންތެރިންގެ ޒިންމާތައް (އީޕީއާރް). މީގެ ދަށުން މުދާ ބަންދުކުރުމާ ގުޅޭގޮތުން އުފައްދާ ފަރާތުގެ ދެމިގެންދާ ޒިންމާ އާއި ގުޅޭ ޤާނޫނު ފާސްކުރެވިގެންދާނެ.
5. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތެއްގައި، ބޭނުންކުރެވޭނެ ތިމާވެއްޓާރައްޓެހި ބާވަތްތައް ތަޢާރަފްކުރުން.
6. އުނގަންނައިދިނުމާއި ހޭލުންތެރި ކުރުވުން.
ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުން އިމްޕޯޓު ޑިއުޓީ އިތުރުކުރުމާއެކު ތިމާވެއްޓާ ރައްޓެހިތަކެތީގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ މާފުކުރުމަށްވެސް މި ޕްލޭންގެ ދަށުން ހުށަހަޅާފައިވާނެއެވެ. ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް މަނާކޮށް، މިތަކެތީގެ ބަދަލުގައި ބޭނުން ކުރެވޭނެ ތިމާވެއްޓާއި ރައްޓެހި ބާވަތްތައް ގެންނަ ފަރާތްތައް ދަނެގަނެ، އިންސެންޓިވައިޒޭޝަން ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތް ގުޅުންހުރި ފަރާތްތަކާއެކު ކުރުމަށްވެސް މި ޕްލޭންގައި ވާނީ ހިމަނާފައެވެ. ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަށް ރާއްޖޭގައި މަނާކުރެވުނުކަމުގައި ވީނަމަވެސް، ކުދިވިޔަފާރިތަކުގައި އުފައްދާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކުގެ ބާވަތްތައް މި ސިޔާސަތުތަކުގެ ދަށުން އިސްތިސްނާވެގެންދާނެއެވެ.
ސިންގަލް-ޔޫސް ޕްލާސްޓިކު ރާއްޖޭގައި މަދުކުރުމުގެ ސިޔާސަތަކީ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރު ހުއްޓުވުމުގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ތަންފީޒު ކުރަމުންދާ ސިޔާސަތެކެވެ.
ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ކުރުމުގެ އިތުރުން، މިތަކެތި ރާއްޖެއަށް އެތެރެކުރުންވެސް ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެން މަނާކޮށްފައެވެ. އެގޮތުން، ގާނޫނު ނަންބަރު: 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު) ގެ 07 ވަނަ މާއްދާގެ ދަށުން ޖުމްލަ 09 ބާވަތެއް، 2021 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރުން ވަނީ މަނާ ކޮށްފައެވެ.
ސިންގަލް-ޔޫސް ޕްލާސްޓިކް ފޭސްއައުޓެ ޕްލޭން އަދި ސިންގަލް-ޔޫސް ޕްލާސްޓިކް މަނާކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.