ޚަބަރު

ކްލައިމެޓް ޗޭންޖްގެ ދެވަނަ ނޭޝަނަލް ކޮމިއުނިކޭޝަން ރިޕޯޓް ނެރެފި

27 އޮކްޓޯބަރ 2016

ކްލައިމެޓް ޗޭންޖްގެ ދެވަނަ ނޭޝަނަލް ކޮމިއުނިކޭޝަން ރިޕޯޓް ނެރެފިއެވެ. މި ރިޕޯޓު ނެރެދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. މި ރިޕޯޓް ނެރުމުގެ މަޤްސަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާނޭދެވޭ އަސަރުތަކާއި ބެހޭޭ މަޢުުލޫމާތާއި އަދި ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމެވެ. އެގޮތުން މިއަދު މިނެރެވިގެން ދިޔަ ސެކަންޑް ނޭޝަނަލް ކޮމިއުނިކޭޝަން ރިޕޯޓަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އ.ދ ގެ މޫސުމާ ބެހޭ މުއާހަދާ ޔުނައިނެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ) އަށް ހުށަހެޅުމަށް ތައްޔާރު ކުރެވިފައިވާ ރިޕޯޓެކެވެ.

މިރިޕޯޓުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުގެ މައްޗައް ވަނީ ވަރަށް ރަނގަޅަށް ބަލާލާފައެވެ. އަދި ރައްކާތެރިވުމުގެ ގޮތުން ޤައުމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗައްވަނީ މި ރިޕޯޓުގައި އަލިއަޅުވާލެވިފައެވެ. އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ އަހަރީ ޖަލްސާތައް އަންނަ ހަފްތާގަ މޮރޮކޯގަ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިދިޔަ އަހަރު އެކުލަވާލެވުނު ޕެރިސް އެގްރީމަންޓަށް ޤާނޫނީ ހައިސިއްޔަތު އަންނަ ނޮވެމްބަރުމަހުގެ 4 ވަނަ ދުވަހު ލިބޭތީ، މި ބައްދަލުވުމަކީ އެތައް ގޮތަކުން މުހިއްމު ބައްދަލުވުމަކަށް ވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމް ވިދާޅުވީ މިއަދު މި ނެރެވުނު ރިޕޯޓަކީ ޚާއްޞަކޮށް ބައިނަލްއަޤުވާމީ ގޮތުން ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް ލިބިގެންދާ އިތުރު ބާރަކަށް ވެގެންދާނެކެމަށާއި މިރިޕޯޓްގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަން ދުނިޔެއަށް އިތުރަށް ހާމަވެގެންދާނެކަމަށެވެ.
(ޔޫއެންއެފްސީސީ) އަށް ފުރަތަމަ ނޭޝަނަލް ކޮމިއުނިކޭޝަން ރިޕޯޓް ހުށަހެޅީ 2001 ވަނަ އަހަރުއެވެ.