ޚަބަރު

މީހުން ދިރިއުޅޭ 45 ރަށެއްގައި ބޯފެން ރައްކާކުރާ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކުރުން

20 ޖުލައި 2017

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މެދުނުކެނޑި ސާފުބޯފެން ލިބޭނެ އިންތިޒާމް ޤާއިމް ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށްވަނީ ވަރަށްބޮޑު ކުރިއެރުމެއް ލިބިފައެވެ. މިގޮތުން ވޭތުވެދިޔަ ތިންއަހަރުގެ ތެރޭގައި 29 ރަށެއްގައި ބޯފެން ރައްކާކުރާ ނިޒާމު އަލަށް ޤާއިމުކޮށް ނިމިފައިވާއިރު، 18 ރަށެއްގައި މިފަދަ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެއެވެ. މީގެ އިތުރުން 12 ރަށެއްގައި ފެން އުފެއްދުމުގެ ޤާބިލްކަމާއެކު ބޯފެން ރަށްކާކުރުމުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެއެވެ. އަދި މިއަދު މި ޑިޒައިން މަސައްކަތް ހަވާލުކުރެވޭ 45 ރަށާ އެކު ބޯފެނުގެ ނިޒާމު ރައީސް ޔާމީނުގެ ސަރުކާރުގާއި ޤާއިމުކޮށްދެވޭ ރަށްތަކުގެ ޢަދަދު 104 އަށް އިތުރުވެގެންދާނެއެވެ.

މީގެ އިތުރުން 23 ރަށެއްގައި ޒަމާނީ ފެނުގެ ނިޒާމު ޤާއިމުކޮށް ނިމިފައިވާއިރު މީގެ ތެރެއިން 17 ރަށް ނިމިފައިވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައެވެ. އަދި މިހާރު ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް ހަވާލުކުރެވިފައިވާ 20 ރަށުގެ އިތުރުން މިއަހަރުގެ ކުރިޔަށް އޮތްތަނުގައި އިތުރު 6 ރަށެއްގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދަދުތަކަށް ބަލާއިރު ފެނުގެ ނިޒާމް ޤާއިމުކުރެވޭ 49 ރަށާއި ބޯފެނުގެ ނިޒާމް ޤާއިމްކުރެވޭ 104 ރަށާއެކު ޖުމްލަ 153 ރަށެއްގެ ފެނުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ މަސައްކަތަށް މިވަނީ ކާމިޔާބު ކުރިއެރުންތަކެއް ލިބިފައެވެ.

މިއަދު މި ބޭއްވުނީ 45 ރަށެއްގައި ޤާއިމުކުރުމަށް ނިންމާފައިވާ ބޯފެން ރައްކާކުރާ ނިޒާމު ޑިޒައިންކުރުމާއި އެރަށްރަށުގައި ޢަމަލީ މަސައްކަތް ކުރިޔަށްދާއިރު މަސައްކަތް ބެލެހެއްޓުން ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތެވެ މިމަސައްކަތް ހަވާލުކުރެވެނީ އިންޓަރނޭޝަނަލް ބިޑިންގް ޕްރޮސެސްއެއްގެ ތެރެއިން ހޮވިފައިވާ ކުންފުންޏެއްކަމުގައިވާ ޝާހް ޓެކްނިކަލް ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤް އިބްރާހިމްއެވެ. އަދި ޝާހް ޓެކްނިކަލް ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޝާހް ޓެކްނިކަލް ކޮންސަލްޓެންޓްސް ގެ މެނޭޖިންގ ޑިރެކްޓަރ ގޯތަމް މަހާވިރު ޝާހް އެވެ. މި އެއްބަސްވުމުގައިވާ ގޮތުން ޝާހް ކޮންސަލްޓަންޓްއިން މި 45 ރަށުގެ ޑިޒައިން އެންމެ ދިގުވެގެން 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށްވަނީ ހަމަޖެހިފައެވެ. އޭގެ ފަހުން އެ ރަށްރަށުގެ ޢަމަލީ މަސައްކަތް ކުރިޔަށްދާއިރު އެމަސައްކަތް ކުރިޔަށްދާގޮތްވެސް އެ ކުންފުނީގެ ފަރާތުން ބަލަހައްޓާ ގޮތަށް ވަނީ ކަނޑައެޅިފައެވެ. މި އެއްބަސްވުމުގައި ކަނޑައެޅިފައިވާ ހުރިހާ މަސައްކަތުގެ ޖުމްލަ އަގަކީ 13,643,166.00 ރ. (ތޭރަ މިލިއަން ހަ ސަތޭކަ ސާޅީސް ތިން ހާސް އެއް ސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ) އެވެ.

މި މަޝްރޫޢޫގެ ދަށުން ބޯފެނުގެ ނިޒާމު ޤާއިމުކުރުމަށް ކަނޑައެޅިފައިވާ ރަށްތަކަކީ؛ ހއ.އުތީމު، ހއ.މުޅަދޫ، ހއ.މުރައިދޫ، ހއ.އުލިގަމު، ހއ.މާރަންދޫ، ހއ.ފިއްލަދޫ، ހދ.ފިނޭ، ހދ.ކުރިނބީ، ހދ.ނޭކުރެންދޫ، ހދ.ހިރިމަރަދޫ، ށ.ފޭދޫ، ށ.ނަރުދޫ، ށ.ފީވަށް، ށ.ޅައިމަގު، ށ.ނޫމަރާ، ށ.ބިލެތްފަހި، ށ.ފުނަދޫ، ނ.މަގޫދޫ، ނ.ހެންބަދޫ، ނ.ޅޮހީ އއ.ހިމަންދޫ، އއ.ބޮޑުފުޅަދޫ، އއ.މަތިވެރި، އދ.ކުނބުރުދޫ، އދ.ދިގުރަށް، މ.ރަތްމަންދޫ، މ.ވޭވަށް، މ.ނާލާފުށި، ދ.ބަނޑިދޫ، ދ.މީދޫ ، ދ.ހުޅުދެލި، ތ.ވަންދޫ، ތ.ގާދިއްފުށު، ތ.އޮމަދޫ، ތ.ކަނޑޫދޫ، ތ.ކިނބިދޫ، ތ.ދިޔަމިގިލި، ގއ.ނިލަންދޫ، ގއ.މާމެންދޫ، ގއ.ކޮޑޭ، ގދ.ނަޑެއްލާ، ގދ.ހޯޑެއްދޫ، ގދ.ފިޔޯރީ، ގދ.ރަތަފަންދޫ އަދި ގދ.ފަރެސްމާތޮޑާ އެވެ.

މި މަޝްރޫޢު އަކީ ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ގްރީން ކްލައިމެޓް ފަންޑްއަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުމާއި، މަޝްރޫޢު ކުރިޔަށްދާގޮތް ބެލެހެއްޓުމަށް ކަނޑައެޅިފައިވާ އެކްރެޑިޓެޑް އެޖެންސީ އަކީ ޔޫއެންޑީޕީއެވެ.