ޚަބަރު

އެނަރޖީ އެފިޝަންސީ ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރުން

7 ފެބްރުއަރީ 2018

ދިވެހިރާއްޖޭގައި ތަޢާރަފްކުރާ އެނަރޖީ އެފިޝަންސީ ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ ޕްރޮގްރާމްގެ މެތޮޑޮލޮޖީއާއި މަސައްކަތު ތާވަލު އެކުލަވާލުމަށްޓަކައި ކަމާއި ގުޅުންހުރި ފަރާތްތަކާއިއެކު މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ބޭއްވުނު މި މަސައްކަތު ބައްދަލުވުމަކީ ޕްރައިސްވޯޓަރހައުސްކޫޕާރސް، މޯލްޑިވްސް އެނަރޖީ އޮތޯރިޓީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސްގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ގުޅިގެން ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންފަދަ ކަމާއި ގުޅުންހުރިފަރާތްތައް ވެސް މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވިއެވެ.

އެނަރޖީ އެފިޝަންސީ ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ ޕްރޮގްރާމްގެ ބޭނުމަކީ ކަރަންޓު ސާމާނު ގަންނައިރު އެތަކެތި ބޭނުންކުރުމުގައި ހޭދަވާނެ ކަރަންޓުގެ މިންވަރު ދެނެގަނެ، ސަމަކާރަ ތަކެތި ޚިޔާރުކުރުމަށް މަގުފަހިކުރުމެވެ. މި ޕްރޮގްރާމްގައި ފުރަތަމަ އިސްކަންދޭނީ އެއަރ ކޮންޑިޝަނަރ، ރެފްރިޖިރޭޓަރ (އައިސް އަލަމާރި) އަދި ދޮންނަމެޝިނަށެވެ.

މި މިސައްކަތަކީ މިނިސްޓްރީން ކުރިއަށްގެންދާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢާއި ދިވެހި ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ، އިމާރާތްތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ނިސްބަތް މަދުކުރުމަށް އެނަރޖީ އެފިޝަންސީއަށް އާންމުން ހޭލުންތެރިކުރުވުމާއި އަޙުލުވެރިކުރުމަށް ކަމާއި ގުޅުންހުރި ސިޔާސަތުތަކާއި ޤަވާއިދުތައް އެކުލަވާލައި، ހަކަތަ އިސްރާފުކުރުން ކުޑަ ޤައުމަކަށް ދިވެހި ރާއްޖެ ހެދުމެވެ.