ޚަބަރު

މޫސުމީ ބަދަލުތަކަށް ހޭނުމަށާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް “ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމް” އިފްތިތާޙްކޮށްފި

14 ފެބްރުއަރީ 2026

މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން އިތުރުކުރުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ވިލުންވެށި ސްކޫލް ގާޑަން ޕްރޮގްރާމް” ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގުޅިގެންނެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ  14 ފެބްރުއަރީ 2026  ގައި މީރުމާގައި ބޭއްވި އޮރިއެންޓޭޝަން ވޯކްޝޮޕްގައެވެ. މި މަސައްކަތަކީ މިނިސްޓްރީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން ކުރިއަށްގެންދާ “އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ” (ECRFS)  މަޝްރޫޢުގެ ދަށުން ގެންދާ ޕްރޮގްރާމެކެވެ. 

މި މަސައްކަތު ބައްދަލުވުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އިބްރާހީމް މިމްރާހެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިމްރާހު ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ބަލައި، ޤައުމީ ފެންވަރުގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ޕްރޮގުރާމެއް ހިންގުމުގެ މައިގަޑު މަގުޞަދަކީ އާރބަން ސަރަޙައްދުތަކުގައި ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރެވިދާނެ ތަފާތު ގޮތްތަކާއި، މިފަދަ ޕްރޮގުރާމުތަކަށް ސްކޫލުގެ މާހައުލުގައި ދަރިވަރުންގެ އާއި މުދައްރިސުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންތަތްތަކާއި ސިއްޙަތައް ފައިދާކުރުވަނިވި ކާނާގެ ބާވަތްތައް ބޭނުންކުރުމަށް ބާރުވެރިކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހަރުދަނާކުރުމެވެ. 

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ދީދީ ވިދާޅުވީ، މޫސުމާ ރައްޓެހި ދަނޑުވެރި ކަމުގެ ޒަރީއްޔާ  ކާނާގެ ޔަގީންކަން އިތުރު ކުރުމަށާއި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށް ދަރިވަރުން ބައިވެރިކުރުމަކީ މުހިންމު ފިޔަވަޅެއްކަމަށް އަލިއަޅުއްވައިލެއްވިއެވެ. ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި، ކާބޯތަކެތީގެ ޔަގީންކަމަށް ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެކި ދާއިރާތަކުން އެކުގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި، މި ޕްރޮގުރާމު މެދުވެރިކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަށް ހޭލުންތެރިކަން އިތުރުވެގެންދާނެކަމަށެވެ. 

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޔުކޭޝަން ސުޕަރިންޓެންޑެންޓް، އަލްފާޟިލް އިސްމާޢީލް ސަޢުދުﷲ ވިދާޅުވީ، ކްލާސްރޫމްގައި އުނގަންނައިދޭ ތަޢުލީމާއި ތިމާވެށީގެ ޙަޤީޤީ ގޮންޖެހުންތަކާ ގުޅުވައިދޭނެ ފަދަ ޢަމަލީ ހުނަރުތަކާއި މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. ސްކޫލްތަކުގައި ހިންގޭ މިފަދަ ދަނޑުވެރިކަމުގެ ހަރަކާތްތަކަކީ ތިމާވެށި ރައްކާތެރިކުރުމުގެ ރޫޙާއި، ޒިންމާދާރުކަން އަދި ދަރިވަރުންގެ ދުޅަހެޔޮކަން އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ. 

މި ވޯކްޝޮޕްގައި، މި ޕްރޮގްރާމްގައި ހިމެނޭ މިނިސްޓްރީތަކާއި ހޮވާލެވުނު ސްކޫލްތަކުން ޖުމްލަ 50 ބައިވެރިން ބައިވެރިވިއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ މަރުޙަލާ ފެށުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުގެ ތިން ސްކޫލެއްގައެވެ. އެއީ ޣާޒީ ސްކޫލް، ހިރިޔާ ސްކޫލް އަދި މުޙްޔިއްދީން ސްކޫލެވެ. މިމަސައްކަތު ބައްދަލުވުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ޕްރޮގުރާމުތައް މެދުނުކެޑި ސްކޫލުތަކުގައި ހިންގޭނެ ދުރު ރާސްތާ ޕްލޭނެއް ތައްޔާރުކުރެވިގެންދާނެއެވެ. މީގެ އިތުރުން، އާރބަން ސަރަޙައްދުތަކުގައި ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރެވިދާނެ ތަފާތު ގޮތްތަކާއި، މިފަދަ ޕްރޮގުރާމުތަކަށް ސްކޫލުގެ މާހައުލުގައި ދަރިވަރުންގެ އާއި މުދައްރިސުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންތަތްތަކާއި ސިއްޙަތައް ފައިދާކުރުވަނިވި ކާނާގެ ބާވަތްތައް ބޭނުންކުރުމަށް ބާރުވެރިކުރުމަށް އެޅިދާނެ ފިޔަވަޅުތައް މަޝްވަރާކުރެވުނެވެ. 

“އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރި “(ECRFS)  މަޝްރޫޢުގެ ލަނޑުދަނޑި ތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާ ގުޅިގެން އަންނަ ބަދަލުތަކަށް ތައްޔާރުވުމަށް މުއައްސަސާތަކާއި މުޖުތަމަޢުގެ ޤާބިލުކަން އިތުރުކުރުމާއި، ޤުދުރަތީ ވަޞީލަތްތައް ބޭނުންކޮށްގެން ފެންބޮޑުވުމާއި އުދައެރުމުން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގެ އިތުރުން ދަނޑުވެރިކަމާއި ކާބޯތަކެތީގެ ނިޒާމުތަކުގައި މޫސުމީ ބަދަލުތަކަށް އެކަށޭނަ ޓެކްނޮލޮޖީތަކާއި އާދަތައް ތަޢާރަފުކުރުން އަދި މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ކުރެވޭ ވިޔަފާރިތަކާއި ޚިދުމަތްތައް އިތުރުކުރުމާއި، ދަނޑުވެރިކަން ކުރިއެރުވުން ހިމެނެއެވެ.