ޚަބަރު

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމު ހަރުކޮށް އެ ޚިދުމަތް ދިނުމަށް ބަޔަކާ ޙަވާލުކޮށްފި

30 އޭޕްރިލް 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމު ހަރުކޮށް އެ ޚިދުމަތް ދިނުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ. އެގޮތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޗަންގް ޒޫ ޓްރީނަރ ސޯލަރ އެނަރޖީ ކޯޕަރޭޝަން ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ޗަންގް ޒޫ ޓްރީނަރ ސޯލަރ އެނަރޖީ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ބްރަޔަން އެވެ. އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ހައިބްރިޑް ސިސްޓަމްތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ޢަމަލީ މަސައްކަތްތައް މިހާރުވަނީ ނިމި ބައެއް ރަށްރަށުގައި އެޚިދުމަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދަން ފަށާފައެވެ. މިއަދު ސޮއިކުރެވިގެން ދަނީ މިމަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ބައެކެވެ. މިފިޔަވަހި އަމާޒުކުރެވިފައިވަނީ ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށެވެ. މިގޮތުން މިރަށްރަށުގައި 2.3 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމާއި، ޑީސަލުން ކަރަންޓު އުފެއްދުމަށް 17 ޖެނެރޭޓަރު (3.3 މެގަ ވޮޓް) އާއި، 2.5 މެގަވޮޓް އަވަރ ގެ ބެޓެރިއާއި، ކޭބަލާއި އޮޓަމެޓިކް ސިންކްރޮނައިޒިން ޕެނަލްބޯޑްތައް ހުރިހާ ރަށެއްގައި ބެހެއްޓިގެންދާނެއެވެ. މިސިސްޓަމް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެނަރޖީ މެނޭޖްމަންޓް ސިސްޓަމްތައް ވެސް މިރަށްރަށުގައި ޤާއިމުކުރެވިގެންދާނެއެވެ.

މިސަރުކާރުގެ ފުރަތަމަ ދައުރު ނިމިގެންދާއިރު ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ޤާއިމުކުރެވި ހަކަތަ އިސްރާފުވުން ކުޑަކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރެވިގެންދާނެއެވެ. ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ އިން ކަރަންޓު އުފައްދާ މިންވަރު ވަނީ 6 މެގަ ވޮޓަށް އިތުރު ކޮށްފައެވެ. އަދި އެރަށަކަށް ދުވާލުގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެ މަތީ ޢަދަދުގެ 30 އިންސައްތަ އާއި އެއްވަރުގެ ޢަދަދަކަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އެހެން އަތޮޅުތަކުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ބޭނުންވާ މަސައްކަތް އެކިމަރުހަލާތަކުގައި ދަނީ ކުރެވެމުންނެވެ.މިއަދު މި ސޮއިކުރެވުނު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 10.4 މިލިއަން ދިވެހި ރުފިޔާއެވެ