ޚަބަރު

ހއ. ދިއްދޫގައި ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފި

26 އޯގަސްޓް 2016

ހއ. ދިއްދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ. މި މަސައްކަތް ހަލާލު ކުރެވިފައިވަނީ ސިއެރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤް އިބްރާހިމް އެވެ. އަދި މިރަސްމިއްޔާތުގައި ހއ.ދިއްދޫ ދާއިރާގެ މަޖްލިސް މެމްބަރު އަލްފާޞިލް އަބްދުލް ލަތީފް މުހައްމަދު، ސިއެރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޕްރޮޖެކްޓް މެނޭޖަރ ޕީ.ޑަބްލިއު ތިލަކް ރަތްނާ، ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލްފާޞިލް އިބްރާހިމް ސިނާން އަދި ހއ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޞިލް މުޙައްމަދު ރަޝީދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި މަޝްރޫޢުއަށް 52,762,229 ރުފިޔާ ހަރަދު ކުރެވޭނެއެވެ. މި މަޝްރޫޢު ނިންމުމަށް ކަނޑައެޅިފައިވަނީ 30 ފެބްރުއަރީ 2017 ގައެވެ. މި މަޝްރޫޢުގެ ދަށުން ހއ.ދިއްދޫގައި އާރް.އޯ ޕްލާންޓް ބެހެއްޓޭނެއެވެ. އަދި ފެން ރައްކާ ކުރާނެ ތާންގީ ބެހެއްޓާ ރަށުގައި ފެން ހޮޅި އެޅިގެންދާނެއެވެ.

މި މަޝްރޫޢުގެ ދަށުން ހއ.ދިއްދޫގެ ރައްޔިތުންނަށް ރައްކާތެރި ފެނުގެ ނިޒާމްގެ ޚިދުމަތް ފޯރުކޮށް ދެވިގެން ދާނެއެވެ.