ޚަބަރު

ޏ. ފުވައްމުލަކުގެ ފެނާއި ނަރުދަމާ އިފްތިތާޙުކޮށްފި

9 އޮކްޓޯބަރ 2016

ފުވައްމުލައް ސިޓީގެ ފެނާ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްފިއެވެ. މި މަސައްކަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިރޭ ފުވައްމުލައް ސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.

މި މަޝްރޫއަށް 297 މިލިއަން ރުފިޔާ ޚަރަދުކުރާއިރު ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރަން ހަމަޖެހިފައިވަނީ 142 މިލިއަން ރުފިޔާ އެވެ. އަދި ބާކީ ފައިސާ އަކީ ކުވައިތު ފަންޑް ފޮ އެރެބިކް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީގެ ދަށުން ހޯދާފައިވާ ފައިސާ އެވެ.

މި ސިޓީގައި ޤާއިމުކުރާ ނަރުދަމާ ނިޒާމުގައި ދެ ޕަމްޕް ސްޓޭޝަނާއި 20 ކިލޯ މީޓަރުގެ ވެކިއުމް ނެޓްވޯކަކާއި 31 ކިލޯ މީޓަރުގެ ވެކިއުމް ސްޓޭޝަން ގްރެވިޓީ ނެޓްވޯކެއް ޤާއިމުކުރާނެއެވެ. އަދި 308 މީޓަރުގެ ސީ އައުޓްފޯލަކާއި 595 ވެކިއުމް ޗެމްބާސް އެއް ވެސް ހަރުކޮށް ފުވައްމުލަކު ސިޓީގެ 2959 ގެއަކަށް ނަރުދަމާ އާއި ފެން ގުޅައިދޭނެ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޤާއިމުކުރާ ފެނުގެ ނިޒާމުގައި ދުވާލަކު 500 ޓަނުގެ ފެން އުފައްދާ ތިން ޕްލާންޓުވެސް ޤާއިމުކުރެވޭނެއެވެ. އަދި އެންމެ އެކަށީގެންވާ ހެޔޮ އަގެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް 110 ކިލޯ ވޯޓުގެ ސޯލާ ނިޒާމުވެސް ޤާއިމުކުރަންވަނީ ނިންމާފައެވެ.

މި މަސައްކަތަށް 21 މަސް ދުވަހުގެ މުއްދަތެއް ދީ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ މެއި މަހުގެ ފަސް ވަނަ ދުވަހު އެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަނީ ލަންކާގެ ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިންނެވެ.