ޚަބަރު

މޫދުމާކަނޑު ފެސްޓިވަލް ރަސްދޫގައި ބާއްވައިފި

8 އޭޕްރިލް 2017

އިންޓަރނޭޝަނަލް ޔޫނިއަން ފޯރ ކޮންޒަވޭޝަން އޮފް މޯލްޑިވްސް (އައިޔޫސީއެން) މެރިން ޕްރޮޖެކްޓްގެ ފަރާތުން ހިންގާ “ރީޖެނެރޭޓް” ޕްރޮޖެކްޓުގެ ދަށުން އަރިއަތޮޅު އުތުރުބުރީގެ ރަށްތަކުގައި ކުރިއަށްގެންދާ މޫދުމާކަނޑު ފެސްޓިވަލް ބާއްވައިފިއެވެ. މި ފެސްޓިވަލް ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޒިޔާދެވެ.

މިފެސްޓިވަލްގެ ދަށުން ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން ހެނދުނުގެ ދަންފަޅީގައި ރަސްދޫގެ ގޮނޑުދޮއް ވަނީ ސާފު ކޮށްފައެވެ. މި ފެސްޓިވަލް ގައި ރަސްދޫ ސްކޫލްގެ ދަރިވަރުންގެ އިތުރުން، އެއަތޮޅު މާޅޮހާއި، މަތިވެރި، ހިމަންދޫ، އުކުޅަސް، ތޮއްޑޫ އަދި ފެރިދޫގެ ސްކޫލް ދަރިވަރުންވަނީ ބައިވެރިވެފައެވެ.

މެންދުރުފަހުގެ ސެޝަންގައި ކަނޑުގެ ދިރުންތަކާއި ގުޅޭގޮތުން ޚާއްސަ ކުއިޒެއް ސްކޫލްތަކުގެ މެދުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ކުއިޒްގައި 3 ބ ކުރިޔަށް ގެންގޮސްފައިވާއިރު ފައިނަލް ބުރުގައި ރަސްދޫ ސުކޫލު ކުދިންނާއި ހިމަންދޫ ކުދިން ވާދަކޮށް ރަސްދޫ ކުދިންގެ ޓީމް ވަނީ ކުރި ހޯދާފައެވެ.

މީގެ ކުރީންވެސް އައި.ޔޫ.ސީ.އެންގެ ފަރާތުން މިފަދަ ދެ ފެސްޓިވަލެއް އަރިއަތޮޅު އުތުރުބުރީގެ ދެރަށެއްގައި ހިންގިއެވެ. އެއީ އއ. މަތިވެރި އާއި އއ. އުކުޅަހެވެ.

މި ފެސްޓިވަލް ގައި ހެލްތް ޕްރޮޓެކަޝަން އޭޖެންސީ އަދި އެންވަޔަރަންމަންޓަލް އޭޖެންސީ އިން ތަފާތު ސްޓޯލްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ކަނޑުގެ ދިރުންތަކާ ބެހޭ އެކި އެކި މައުލޫމާތު ފެސްޓިވަލް އޭރިއާގައި ބަހައްޓާފައިވެއެވެ. މި ފެސްޓިވަލް ގައި ބޭރުގެ އެކި އެކި ފަރާތްތަކުން ވެސް ވަނި ބައިވެރިވެފައެވެ.

ރާއްޖޭގެ ފަޅުތަކާއި ފަރުތަކަކީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ މުއްސަނދި މާހައުލެއް”
ރާއްޖޭގެ ފަޅުތަކާއި ފަރުތަކަކީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ، ދިރޭތަކެތީގެ ނަސްލުގެ ގޮތުން މުއްސަނދި މާހައުލެއްކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

ކަނޑުގެ މާހައުލުން ލިބޭ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާބެހޭ ގޮތުން ހޭލުންތެރިކުރުމަށް އއ. ރަސްދޫގައި ބޭއްވި ފެސްޓިވަލު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، ރާއްޖޭގެ ކުދި ޖަޒީރާރަށްތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށާއި މޫސުމީ ބަދަލާއެކު ދިމާވާ، އެކިއެކި ގޮންޖެހުންތަކުން ރައްކާތެރިވުމަށް، މުރަކަތަކާއި ފަރުތަކުގެ އަހައްމިއްޔަތު ބަޔާން ކުރެވޭވަރަށްވުރެ ބޮޑުކަމަށެވެ.

“ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ އަދި ނެތި ދިއުމުގެ ބިރުވެރިކަން ކުރިމަތިވެފައިވާ އެތައް ދިރުންތަކެއް އަޅުގަނޑުމެންގެ ކަނޑުތަކުގައި ދިރިއުޅޭ. ފެހުރިއްސާއި މިޔަރާއި ކޯމަހާއި ބޮޑުމަހާއި ވެލަޔާއި މަޑީގެ ބާވަތްތަކާއި މާހުޅުބު ލަނޑާ އަދިވެސް އެތަކެއް ހިތްގައިމު ދިރުންތަކަކީ އޭގެ ސަބަބުން އަޅުގަނޑުމެންނަށް އެތަކެއް ފައިދާތަކެއް ލިބޭ ދިރުންތައް.” ޒިޔާދު ވިދާޅުވިއެވެ. “ހަމައެހެންމެ ކަނޑުފަޅާއި ފަރުތަކުގެ މާހައުލަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިއްމު ބައެއް. މި މާހައުލުތަކުން ތިމާވެށީގެ ގޮތުން ލިބޭ ފައިދާގެ އިތުރުން އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތައް ވެސް ލިބިގެންދޭ.”

އއ. ރަސްދޫގައި ބޭއްވި “މޫދު މާކަނޑު ފެސްޓިވަލް 2017″ ގައި އެ އަތޮޅުގެ ހަތް ރަށުގެ 140 ދަރިވަރުންނާއި 40 ޓީޗަރުން ބައިވެރިވިއެވެ.

ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަރނޭޝަނަލް (ޔޫއެސްއެއިޑް) ގެ އެހީގެ ދަށުން ދިވެހި ސަރުކާރުން އައިޔޫސީއެން އާ ގުޅިގެން ކުރިއަށް ގެންދާ ރީޖެނެރޭޓް ޕްރޮޖެކްޓުގެ ގިނަ މަސައްކަތްތަކެއް 2013 ވަނަ އަހަރުން ފެށިގެން އއ. ކުރިއަށް އެބަގެންދެއެވެ. ރަސްދޫގައި ހޮނިހިރުދުވަހު ބޭއްވި ފެސްޓިވަލަކީ އޭގެ ތިންވަނަ ފެސްޓިވަލެވެ. މީގެ ކުރިން 2014 ގައި މަތިވެރީގައި އަދި 2015 ގައި އުކުޅަހުގައި އެފެސްޓިވަލް ވަނީ ބާއްވާފައެވެ.

ކަމާ ގުޅޭ ދާއިރާތަކުން ފެސްޓިވަލްގައި ސްޓޯލްތައް ހަދައި ދަރިވަރުންނަށް މައުލޫމާތު ދީފައިވާއިރު، ފެސްޓިވަލްގައި ބައިވެރިން ވަނީ ރަސްދޫގެ ގޮނޑުދޮށް ސާފުކޮށްފައެވެ.