ޚަބަރު

ރ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުންތަކެއް ބާއްވައިފި

11 މެއި 2017

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ފަރާތުން އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުންތަކެއް ރ.ދުވާފަރުގައި ބާއްވައިފިއެވެ. އޭޕްރިލް 29 އަދި 30 ގައި ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުންތަކުގައި ރ. އަތޮޅު މަދަރުސާގެ ގްރޭޑް 8، 9 އަދި 10 ގެ ޖުމްލަ 62 ދަރިވަރުން ބައިވެރިވިއެވެ.
ރ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ހިންގި މަސައްކަތު ބައްދަލުވުންތައް އިފްތިތާޙް ކޮށްދެއްވީ އެ މަދަރުސާގެ ގްރޭޑް 11 އަދި 12 ގެ ލީޑިންގ ޓީޗަރ އަލްފާޟިލާ ޝަހުލާ ހުސެއިން މަނިކެވެ.
މި މަސައްކަތު ބައްދަލުވުންތަކުގައި ހަކަތަ އިގްތިސާދު ކުރުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. ދަރިވަރުންނަށް ޙިއްސާކުރެވުނު މަޢުލޫމާތު ތެރޭގައި ކަރަންޓް މީޓަރުގެ ރީޑިންގ ނަގާނެގޮތާއި، ކަރަންޓު އާލާތްތަކުގައި ހުންނަ ކަރަންޓް ނޭމްޕްލޭޓްގައިވާ މަޢުލޫމާތު ދެނެގަންނާނެ ގޮތާއި ކަރަންޓް ބިލްގައިވާ މަޢުލޫމާތު ދެނެގަންނާނެ ގޮތުގެ މަޢުލޫމާތު ހިމެނެއެވެ. މި ބައްދަލުވުންތަކުގައި ދަރިވަރުންނަށް މައުލޫމާތުދެއްވީ މި މިނިސްޓްރީގެ އެލް.ސީ.އީ.އައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓާއި، އެނަރޖީ ޑިޕަރޓްމަންޓާއި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ފަންނީ ބޭފުޅުންނެވެ. ދަރިވަރުންނަށް ޙިއްސާ ކުރެވުނު މަޢުލޫމާތު ތެރޭގައި ކަރަންޓް މީޓަރުގެ ރީޑިންގ ނަގާނެގޮތާއި، ކަރަންޓު އާލާތްތަކުގައި ހުންނަ ކަރަންޓް ނޭމްޕްލޭޓްގައިވާ މަޢުލޫމާތު ދެނެގަންނާނެ ގޮތާއި ކަރަންޓް ބިލްގައިވާ މަޢުލޫމާތު ދެނެގަންނާނެ ގޮތުގެ މަޢުލޫމާތު ހިމެނެއެވެ.
ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.