ޚަބަރު

“ފެންފަހި” ކެމްޕެއިން ހަރަކާތްތަކެއް އއ. ތޮއްޑޫގައި ކުރިއަށް ގެންގޮސްފި

19 ޖުލައި 2017

“ފެންފަހި” ކެމްޕެއިން ހަރަކާތްތަކެއް އއ. ތޮއްޑޫގައި ކުރިއަށް ގެންގޮސްފިއެވެ. އެގޮތުން ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާ ގުޅޭގޮތުން ސްކޫލް ކުދިން ހޭލުންތެރިކުރުމަށް މަސައްކަތު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. ގްރޭޑް 05 ގައި ކިޔަވަމުންދާ ކުދިންނަށް އަމާޒުކޮށްގެން ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި ޖުމްލަ 25 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ކަމާގުޅޭ ފަންނީ ބޭފުޅުންނެވެ.

އަދި ފެންފަށަލައަށް އަންނަ ބަދަލު ދެނެގަތުމުގެ ޕްރޮގްރާމެއް ރަށު ކައުންސިލާއި ޔޫޓިލިޓީއާއި އެކު އެކުލަވާލުމަށް މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި މަޝްވަރާ ބައްދަލުވުމުގެ މަޤްސަދަކީ ފެނުގެ ނިޒާމު ބޭނުންކުރާ މިންވަރާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމާއި ފެނުގެ ވަސީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމެވެ. މި މަޝްވަރާ ބައްދަލުވުމުގައި ރަށު ކައުންސިލާއި، އަންހެނުންގެ ކޮމިޓީ އާއި ޔޫޓިލިޓީ ކުންފުނީގެ އިތުރުން އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުންވެސް ދަނޑުވެރިންނާއި ވިޔަފާރިވެރިންނާއި ސްކޫލް ކުދިންގެ ބެލެނިވެރިންގެ އިތުރުން ޒުވާނުންނާއެކު މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ރަށުގެ ފެނުގެ ނިޒާމުގެ ހާލަތު ދެނެގަތުމެވެ. މި ހަރަކާތްތަކުގެ ތެރޭގައި ފެނުގެ ވަސީލަތްތައް މެނޭޖްކުރުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ތޮއްޑޫގައި މި ބޭއްވުނު ހަރަކާތްތަކުގެ ސަބަބުން މީހުން ވަނީ އިތުރަށް ހޭލުންތެރިކުރެވިފައެވެ. މި މަހުގެ 16ން 18 އަށް ކުރިއަށް ގެންދިޔަ މި ކެމްޕއިން ހަރަކާތްތަކަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ ( ޖީ.އީ.އެފް) ޕްރޮޖެކްޓްގެ ދަށުން ހިންގުނު ކެމްޕެއިން ހަރަކާތްތަކެވެ.