ޚަބަރު

އެންވަޔަރަންމަންޓް މިނިސްޓްރީއިން އިސްނަގައިގެން ބައިނަލްއަޤުވާމީ ‘ކޯސްޓަލް ކްލީން އަޕް ޑޭ” ފާހަގަކުރުމަށް ސާފުކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި

17 ސެޕްޓެމްބަރ 2017

އެންވަޔަރަންމަންޓް މިނިސްޓްރީއިން އިސްނަގައިގެން ބައިނަލްއަޤުވާމީ ‘ކޯސްޓަލް ކްލީން އަޕް ޑޭ” ފާހަގަކުރުމަށް އިއްޔެ ހުޅުމާލޭގައި ސާފުކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ. ހުޅުމާލޭގައި ބޭއްވި މި ސާފުކުރުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޢަބްދުﷲ ޒިޔާދެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ ހޭޅިފަށާއި، ގޮނޑުދޮށާއި، މޫދު އަދި ވަށައިގެންވާ ސަރަހައްދުތައް ރައްކާތެރިކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރުކުރުމެވެ. މިކަމާއި ގުޅިގެން ސައުތު އޭޝިއާ ކޯޕަރޭޓވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) އާއި ސައުތު އޭޝިއާ ސީސް ޕްރޮގްރާމްގެ ޤައުމުތަކުން ބައިވެރިވުމުގެ ގޮތުން ގޮނޑުދޮށްތައް ސާފުކުރުމުގެ ޕްރޮގްރާމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސާފުކުރުމުގެ ޕްރޮގްރާމުގައި ޕްލާސްޓިކް، ބިއްލޫރިފަދަ ކުނިތައް ނެގުމަށްފަހު އޮޑިޓެއް ވަނީ ހަދާފައެވެ.

މި ޙަރަކާތުގައި ސަރުކާރުގެ އިދާރާތަކުންނާއި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ރެޑް ކްރެސެންޓް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އެމް.އެން.ޑީ.އެފް، އަދި ސްކޫލްތަކުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ޢާއްމުންގެ ފަރާތްތަކުން ބައިވެރިވިއެވެ. މީގެ އިތުރުން މާލޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސަސް ގުޅިގެން މާލޭގެ ފަޅުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މީގެ އިތުރުންވެސް ވިލިމާލޭގައި ސޭވް ދަ ބީޗްގެ ފަރާތުން ވިލިމާލެ ހޭޅިފަށާއި ގޮނޑުދޮއް ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިންޓަރނޭޝަން ކޯސްޓަލް ޑޭ ދިވެހިރާއްޖޭގައި މިއަހަރު މި ޙަރަކާތްތައް ބޭއްވުނީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި، ސްކޫލްތަކާއި ސަރުކާރުގެ އިދާރާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ޢާއްމުން ގުޅިގެން ކަމަށްވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައިހެން މި ޙަރަކާތް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުންވެސް މި މަހުގެ 17 އިން 20 ސެޕްޓެމްބަރ 2017 އަށް މި ޙަރަކާތްތަކާއިބެހޭ މަޢުލޫމާތާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ސްކޫލްތަކުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.