ޚަބަރު

ދިވެހިރާއްޖޭގެ އަވީގެ ހަކަތައިގެ މައުލޫމާތު ހިމެނޭ ފޮތް “ސޯލަރ ރިސޯސް އޯވަރވިއު 2017” ފޮތް ނެރެފި

8 ނޮވެމްބަރ 2017

ދިވެހިރާއްޖޭގެ އަވީގެ ހަކަތައިގެ މައުލޫމާތު ހިމެނޭ ފޮތް “ސޯލަރ ރިސޯސް އޯވަރވިއު 2017” މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމް މިއަދު ނެރެދެއްވައިފިއެވެ. މި ފޮތް ލޯންޗުކުރީ މިކަމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

“ސޯލަރ ރިސޯސް އޯވަރވިއު 2017” ފޮތަކީ ވަރލްޑް ބޭންކުގެ އެހީގައި ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ހުރި މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ “ރިނިއުބަލް އެނަރޖީ ރިސޯސް މެޕިންގ” މަޝްރޫއުގެ ދަށުން ނެގުނު ސޯލަރ ޑޭޓާގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ. މި ޑޭޓާތައް ނަގާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ 4 ސަރަހައްދެއް ކަމުގައިވާ ހދ. ހަނިމާދޫ، ހުޅުލެ، ލ. ކައްދޫ އަދި ސ. ގަމުގައި ގާއިމުކުރި ސޯލަރ މެޝަރިންގ ސްޓޭޝަންތަކުންނެވެ. މިގޮތުން މި ފޮތުގައި ހިމެނެނީ 2016 ވަނަ އަހަރު ނެގުނު މެޝަރމަންޓުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މައުލޫމާތެވެ. މި ފޮތުގައި ގްރައުންޑް މެޝަރމަންޓްތައް ބޭނުންކޮށްގެން 1999 އިން ފެށިގެން 2016 އާ ދެމެދުގެ މުއްދަތަށް އެކުލަވާލާފައިވާ ޑޭޓާ މި ހިމެނެއެވެ. ގްރައުންޑް މެޝަރމަންޓް ނެގުމުގެ މަސައްކަތް 2017 ވަނަ އަހަރުވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. 2017 ވަނަ އަހަރު ނިމުމުން 2016 އަދި 2017 މި ދެ އަހަރުގެ ގްރައުންޑް މެޝަރމަންޓް ބޭނުންކޮށްގެން މިހާރު ހުރި މައުލޫމާތު އިތުރަށް އަޕްޑޭޓްކުރެވޭނެއެވެ.

ސޯލަރ ޕްރޮޖެކްޓްތައް ޑިޒައިންކުރުމަށް ބޭނުންވާ ޑޭޓާގެ ބާވަތްތައް ކަމުގައިވާ “ގްލޯބަލް ހޮރިޒޯންޓަލް އިރޭޑިއެންސް” އަދި “ޑައިރެކްޓް ނޯރމަލް އިރޭޑިއެންސް” ގެ ޓައިމް ސީރީޒް މައުލޫމާތުގެ ޚުލާސާ މި ފޮތުގައި ހިމެނިފައިވާނެއެވެ. އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ ސޯލަރ ޕްރޮޖެކްޓްތައް ޑިޒައިންކުރުމުގައިވެސް މި ޑޭޓާތައް ބޭނުންކުރެވޭނެއެވެ. މި ޑޭޓާތައް ތިރީގައި މިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

https://energydata.info/dataset?q=maldives

އަދި http://globalsolaratlas.info އިން ދިވެހިރާއްޖޭގެ ސޯލަރ ރޭޑިއޭޝަން ޑޭޓާގެ އިތުރުން ފޮޓޯވޮލްޓެއިކް އިލެކްޓްރިސިޓީ އައުޓްޕުޓް ލިބިވަޑައިގަންނަވާނެއެވެ.