ޚަބަރު

ހަކަތަ އިޤްތިޞާދު ކުރެވޭނެ ގޮތްތަކެއް ދިރާސާކޮށް ފަރުމާކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

24 ޑިސެމްބަރ 2017

ހަކަތަ އިޤްތިޞާދު ކުރެވޭނެ ގޮތްތަކެއް ދިރާސާކޮށް ފަރުމާ ކުރުމަށް ޔުޓިލިކޯ ޕްރިވެޓް ލިމިޓެޑާއި ޙަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ 21 ޑިސެމްބަރ 2017 ވަނަ ދުވަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް އަބްދުﷲހި މަޖީދެވެ. ޔުޓިލިކޯ ޕްރިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަލީ އަޙްސަނެވެ.

މިނިސްޓްރީއާއި ޔުޓިލިކޯ ޕްރިވެޓް ލިމިޓެޑާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ އިމާރާތްތަކުގައި ހަކަތަ ބޭނުންކުރާ ގޮތް ދެނެގަނެ، އިމާރަތްތައް ފަރުމާކުރުމުގައި ހަކަތަ ސަމަކާރަ ކުރުމަށް އެންމެ އެކަށިގެންވާ ގޮތްތައް ދިރާސާކޮށް، ސަރުކާރުގެ އޮފީސްތަކުގައި ހަކަތަ ބޭނުންކުރުމުގެ އުސޫލުތައް ހަރުދަނާކުރުމެވެ.

ފަސްމަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރެވުނު މި މަސައްކަތަކީ އެއްމިލިއަން ނުވަލައްކަ ހަތްދިހަ އަށްހާސް ހަތްސަތޭކަ ތިރީސް އަށްރުފިޔާ ސައްބީސް ލާރިއަށް ޙަވާލުކުރެވުނު މަސައްކަތެކެވެ.

މި މިސައްކަތަކީ މިނިސްޓްރީން ކުރިއަށްގެންދާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.