ޚަބަރު

ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ ލޭބަލިންގ ޕްރޮގްރާމެއް ތައްޔާރުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

9 ޖަނަވަރީ 2018

ދިވެހިރާއްޖޭގައި އެނަރޖީ އެފިޝެންސީ ލޭބަލިންގ ޕްރޮގްރާމެއް ތައްޔާރުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އާއި ޕްރައިސްވޯޓަރހައުސްކޫޕާރސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއި ކޮށްފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ތާރިޤް އިބްރާހިމެވެ. ޕްރައިސްވޯޓަރހައުސްކޫޕާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ ޕާޓްނަރ އަމިތް ކުމާރެވެ.

މިނިސްޓްރީއާއި ޕްރައިސްވޯޓަރހައުސްކޫޕާރސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއި ކުރެވުނުނު އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ދިވެހި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ކަރަންޓް އާލާތްތަކުގެ ތެރެއިން ގިނައިން ކަރަންޓު ބޭނުންކުރާ އަލާތްތަކަށް އަމާޒުކޮށްގެން އެނަރޖީ ލޭބަލެއް ތައްޔާރުކޮށް، އެ ލޭބަލް ބޭނުންކުރުމަށް ބޭނުންވާ އެހެނިހެން އުސޫލުތަކާއި ލިޔެކިޔުން ފަދަ ތަކެތި ތައްޔާރުކޮށްދީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީން މިކަން ފެށުމަށް ބޭނުންވާ އިންތިޒާމުތައް ޕްރައިސްވޯޓަރހައުސްކޫޕާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހަމަޖައްސައިދުނުމަށް ވެވުނު އެއްބަސްވުމެކެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ޕްރައިސްވޯޓަރހައުސްކޫޕަރސްގެ ގޮފިތައް ހިންގާއިރު މި މަސައްކަތް ކުރުމަށް ހަވާލުވެފައިވަނީ ޕްރައިސްވޯޓަރހައުސްކޫޕަރސްގެ އަވަށްޓެރި އިންޑިޔާގެ ކުންފުނިންނެވެ. ރާއްޖޭއަށް ބޭނުންވާ އެނަރޖީ އެފިޝެންސީ ލޭބަލް އާއި ސްޓޭންޑަޑްސް ޕްރޮގްރާމް ތައްޔާރު ކުރާނީ އެކުންފުނީގައި މަސައްކަތްކުރާ އިންޑިޔާގެ ފަންނީ ތަޖުރިބާކާރު ބޭފުޅުންނެވެ. އިންޑިއާއަކީ މިފަދަ ލޭބަލިންގ ޕްރޮގްރާމްތައް އެންމެ ކާމިޔާބުކަމާއި އެކު ކުރިއަށްގެންދާ އެއްޤައުމެވެ.

އަށްމަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރެވުނު މި މަސައްކަތަކީ 1,295,616 އެއްމިލިއަން ދެލައްކަ ނުވަދިހަފަސްހާސް ހަ ސަތޭކަ ސޯޅަރުފިޔާއަށް ޙަވާލުކުރެވުނު މަސައްކަތެކެވެ.

މި މިސައްކަތަކީ މިނިސްޓްރީން ކުރިއަށްގެންދާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތެކެވެ. ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.